ލޮކްޑައުންގެ ވަގުތުގައި ފިއުލް ސަޕްލައިގެ ދެ ތަނަކުން ހިދުމަތް ލިބޭނެ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް، (އެފްއެސްއެމް) އިން ބުނެފިއެވެ.
އެފްއެސްއެމް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ލޮކްޑައުންގެ ހާލަތުގައި ހިދުމަތް ދެމުން އަންނާނީ ސްޓެލްކޯ ކައިރީ ހުންނަ ފިއުލް ޝެޑާއި، ހުޅުމާލޭގައި ހުންނަ ފިއުލް ޝެޑުން ކަމަށެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ހުންނަ އެ ކުންފުނިން ހިދުމަތްދޭ އެހެން ފިއުލް ޝެޑުތައް މި މުއްދަތުގައި ބަންދުވާނެ ކަމަށް އެފްއެސްއެމުން ބުނެއެވެ.
އެފްއެސްއެމުން މައުލޫމާތު ދޭ ގޮތުގައި މިދެ ފިއުލް ޝެޑުން ހިދުމަތްދޭނީ ލޮކްޑައުން ހާލަތުގައި ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ލިބިފައިވާ ވެހިކަލްތަކަށެވެ. އަދި ޓުވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން، މި ހާލަތުގައި ބޭރަށް ނިކުތުމުގެ ހުއްދަ ލިބިފައިވާ އެހެން ފަރާތްތަކަށްވެސް ހިދުމަތް ދޭނެ ކަމަށް އެފްއެސްއެމްއިން ބުނެފައި ވެއެވެ.
މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވަނީ އިއްޔެ މެންދުރު ފަހު 3:30 އިން ފެށިގެން 24 ގަޑިއިރަށެވެ. މާލެ ލޮކްޑައުން ކޮށްފައިވަނީ މާލެއިން ކޮވިޑް 19 އަށް މީހަކު ޕޮސިޓިވްވުމާއި ގުޅިގެންނެވެ. އެ މީހާއަކީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް މީހެއް ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ.