ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި ތިންވަނަ މީހަކު މާލެ ތެރެއިން ފެނިއްޖެ، އޭނާއަކީ ވެސް ފުރަތަމަ މީހާއާ ސީދާ ބައްދަލުވެފައިވާ މީހެއް!

ކޮވިޑް 19އަށް ޕޮޒިޓިވްވި ތިންވަނަ މީހަކު މާލެ ތެރެއިން ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ މާލެއިން ޕޮޒިޓިވްވި ތިންވަނަ މީހާއަކީ ވެސް މާލެއިން ބަލި ފެނުނު ފުރަތަމަ މީހާއާ ސީދާ ބައްދަލުވެފައިވާ މީހެއް ކަމަށާއި އޭނާ މިހާރު ހުރީ އައިސޮލޭޝަން ފެސިލިޓީއެއްގައި ކަމަށެވެ.

"މާލެއިން ތިންވަނަ މީހަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައި. މާލެއިން ޕޮޒިޓިވްވި ތިންވަނަ މީހާއަކީ މާލެއިން ބަލި ފެނުނު ފުރަތަމަ މީހާގެ ޑައިރެކްޓް ކޮންޓެކްޓެއް. މިހާރު އޭނާ ހުރީ އައިސޮލޭޝަން ފެސިލިޓީއެއްގައި." އެޗްޕީއޭ އިން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

މިއަދު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި ދެވަނަ މީހާއަކީ ވެސް ފުރަތަމަ މީހާއާ ސީދާ ބައްދަލުވެފައިވާ މީހެކެވެ. އެއީ ފުރަތަމަ މީހާގެ ދެ އަހަރު ނުފުރޭ ދަރިފުޅެވެ.

އެ ކުއްޖާގެ ސާމްޕަލްގެ އިތުރުން ފުރަތަމަ ޕޮޒިޓިވްވީ މީހާއާ ސީދާ ބައްދަލުވެފައިވާ ދިހަ މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ. އެ ދިހަ މީހުންގެ ތެރޭގައި އަންހެން މީހާގެ ފިރިމީހާ ވެސް ހިމެނެއެވެ. އެ އެންމެންގެ ނަތީޖާ ވަނީ ނެގަޓިވްވެފައެވެ.

އޭގެ އިތުރުން މާލެއިން ޕޮޒިޓިވި ފުރަތަމަ މީހާއާ ބައްދަލުވެފައިވާ 14 މީހެއްގެ ފަރާތުން ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އެމީހުން ވަނީ އެކަހެރިކޮށްފައެވެ. އެމީހުން އެކަހެރިކޮށްފައިވަނީ ހުޅުލެ އައިސޮލޭޝަން ފެސިލިޓީ (އެޗްއައިއެފް)ގައެވެ.