މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއާ ބައްދަލުވި 14 މީހެއްގެ ފަރާތުން އަލާމާތްތައް ފެނިގެން އެކަހެރިކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ 14 މީހެއްގެ ފަރާތުން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ހުޅުލެ އައިސޮލޭޝަން ފެސިލިޓީ (އެޗްއައިއެފް)ގައި އެކަހެރިކޮށްފައިވާ ކަމަށާއި އެ އެންމެންނަކީ ވެސް މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއާ ބައްދަލުވެފައިވާ މީހުން ކަމަށެވެ.
އެ އަންހެން މީހާގެ އިތުރުން މިއަދު މާލެއިން ވަނީ އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ދެވަނައަށް ޕޮޒިޓިވްވީ އަންހެން މީހާގެ ދެ އަހަރު ނުފުރޭ ދަރިފުޅެވެ. އެ ކުއްޖާއަކީ އެމީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ.
އެ ކުއްޖާގެ ސާމްޕަލްގެ އިތުރުން ފުރަތަމަ ޕޮޒިޓިވްވީ މީހާއާ ސީދާ ބައްދަލުވެފައިވާ ދިހަ މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ. އެ ދިހަ މީހުންގެ ތެރޭގައި އަންހެން މީހާގެ ފިރިމީހާ ވެސް ހިމެނެއެވެ. އެ އެންމެންގެ ނަތީޖާ ވަނީ ނެގަޓިވްވެފައެވެ.
މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލި މުޖުތަމައު ތެރެއަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިއުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި މާލޭގެ އެލާޓް ލެވެލް ވެސް ވަނީ ރަތަށް ބަދަލުކޮށްފައެވެ.
މިކަމާ ގުޅިގެން މާލޭގައި މިވަގުތު ވަނީ ލޮކްޑައުން އިއުލާނުކޮށްފައެވެ. ލޮކްޑައުންގެ ހާލަތުގައި މީހުން ގެއިން ބޭރަށް ނުކުތުމާއި މާލޭ ބަނދަރުން އެއްވެސް އުޅަނދެއް ފުރުން ވެސް ވަނީ މަނާކޮށްފައެވެ.