ކުއްލި ޚަބަރު

މާލެއިން ޕޮޒިޓިވްވި އަންހެން މީހާގެ ފިރިމީހާ ހިމެނޭގޮތުން ދިހަ މީހުން ކޮވިޑަށް ނެގަޓިވް

މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި އަންހެން މީހާގެ ފިރިމީހާ ހިމެނޭގޮތުން ދިހަ މީހުން ބައްޔަށް ނެގަޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއާ ސީދާ ބައްދަލުވެފައިވާ 11 މީހެއްގެ ތެރެއިން ދިހަ މީހެއް ސާމްޕަލް ނެގަޓިވްވެފައިވާ ކަމަށެވެ.

މާލެއިން ދެވަނައަށް ޕޮޒިޓިވްވީ ތުއްތު ކުއްޖެއް ކަމަށާއި އެކުއްޖާއަކީ މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާގެ ދަރިއެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެމީހާއާ ސީދާ ބައްދަލުވި 11 މީހުންގެ ތެރޭގައި އެކުއްޖާ ހިމެނެއެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އެކުއްޖާއަކީ ދެ އަހަރު ނުފުރޭ ކުއްޖެކެވެ. އަންހެން މީހާއާ ސީދާ ބައްދަލުވެފައިވާ މީހުންގެ ތެރޭގައި އެމީހާގެ ފިރިމީހާ ވެސް ހިމެނެއެވެ.

އެ ދިހަ މީހުންގެ ސާމްޕަލް ނެގަޓިވްވީ ނަމަވެސް، ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވެފައިވާ ބަޔަކަށްވުމާ ގުޅިގެން އެމީހުން އިތުރަށް ޓެސްޓުކުރަން ޖެހޭނެއެވެ.

މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލި މުޖުތަމައު ތެރެއަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިއުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި މާލޭގެ އެލާޓް ލެވެލް ވެސް ވަނީ ރަތަށް ބަދަލުކޮށްފައެވެ.

މިކަމާ ގުޅިގެން މާލޭގައި މިވަގުތު ވަނީ ލޮކްޑައުން އިއުލާނުކޮށްފައެވެ. ލޮކްޑައުންގެ ހާލަތުގައި މީހުން ގެއިން ބޭރަށް ނުކުތުމާއި މާލޭ ބަނދަރުން އެއްވެސް އުޅަނދެއް ފުރުން ވެސް ވަނީ މަނާކޮށްފައެވެ.