ކުއްލި ޚަބަރު

މާލެ ތެރޭން ދެވަނައަށް ކޮވިޑަށް ޕޮޒިޓިވް ވީ ފުރަތަމަ ޖެހުނު މީހާގެ ދެއަހަރުގެ ދަރިފުޅު

މާލެތެރޭން ކޮވިޑަށް ދެވަނައަށް ޕޮޒިޓިވް ވީ ފުރަތަމަ ޕޮޒިޓިވް ވި މީހާގެ ދެ އަހަރު ނުފުރޭ ދަރިފުޅުކަން "ވަން" އަށް ކަށަވަރު ވެއްޖެ އެވެ.

މާލެތެރޭން މިއަދު އަލަށް ކޮވިޑް ފެނިފައިވާ އިރު، މި ބައްޔަށް ޕޮޒިޓިވް ވި އަންހެން މީހާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އޭނާއަށް ކޮވިޑް ޖެހުނީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.

ކޮވިޑް ޖެހުނު މީހާގެ ދަރިފުޅު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، އޭނާގެ ފިރިމީހާވެސް ވަނީ ޓެސްޓުކޮށްފަ އެވެ. އެހެން ނަމަވެސް ފިރިމީހާ ޕޮޒިޓިވްކަން ނުވަތަ ނެގެޓިވްކަން ވަން އަށް އަދި ވަނީ ޔަގީން ނުކުރެވިފަ އެވެ.

މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލީ މުޖުތަމައު ތެރެޔަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިޔުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި މާލޭގެ އެލާޓް ލެވެލް ވެސް ވަނީ ރަތަށް ބަދަލުކޮށްފަ އެވެ.

މި ކަމާއި ގުޅިގެން މާލޭގައި މި ވަގުތު ވަނީ ލޮކްޑައުން އިއުލާނުކޮށްފަ އެވެ. ލޮކްޑައުންގެ ހާލަތުގައި މީހުން ގެއިން ބޭރަށް ނުކުތުމާއި މާލޭ ބަނދަރުން އެއްވެސް އުޅަނދެއް ފުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑު މުޖުތަމައު ތެރެޔަށް ފެތުރިއްޖެ ނަމަ މި ބަލި އެތައް ހާސް ބަޔަކަށް ޖެހި، ބައެއް މީހުން މަރުވާނެ ކަމަށް އެޗްޕީއޭއިން ހެދި ދިރާސާއިން ވަނީ އަންދާޒާ ކުރެވިފަ އެވެ.