ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވް ދެވަނަ މީހަކު މާލެ ތެރެއިން ފެނިއްޖެ، މިއީ ފުރަތަމަ މީހާއާ ސީދާ ބައްދަލުވެފައިވާ މީހެއް!

އަލީ ޔާމިން

ކޮވިޑަށް ޕޮޒިޓިވް ދެވަނަ މީހަކު މާލެތެރޭން ފެނިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ މާލެއިން ދެވަނައަށް ޕޮޒިޓިވްވި މީހާއަކީ މިއަދު ހެނދުނު މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި އަންހެން މީހާއާ ސީދާ ބައްދަލުވެފައިވާ މީހެއް ކަމަށެވެ.

މިއީ މާލެއިން ކޮވިޑަށް ޕޮޒިޓިވްވި ދެވަނަ މީހާއެވެ. އަދި މިއީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ހަތްވަނަ ދިވެހި މީހާއެވެ.

މާލެއިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، މާލެ މިހާރު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. އަދި މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. އެޗްޕީއޭއިން ބުނީ މާލެއަށް ރެޑް އެލާޓަށް އިއުލާނުކޮށްފައިވަނީ ޓްރެވެލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުން ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ބުނީ މާލެއިން މިއަދު ޕޮޒިޓިވްވި މީހާއަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށާއި އަދި މީގެކުރިން ރާއްޖެއިން ޕޮޒިޓިވްވި މީހަކާ ވެސް ކޮންޓެކްޓްވެފައިވާ މީހެއް ނޫން ކަމަށެވެ.

އެމީހާ ޕޮޒިޓިވްވުމާއެކު އޭނާއާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާއިރު ކޮންޓެކްޓުވި 11 މީހެއްގެ ސާމްޕަލް މިހާރު ވަނީ ނަގައިފައެވެ. އަދި އިތުރު ބަޔަކު ވަނީ ހޯމް އައިސޮލޭޝަން އަދި ހޯމް ކަރަންޓީނަށް ބަދަލުކޮށްފައެވެ.

މިއަދު ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިގެން މ. ޖަރީމާގެއާއި، ހ. ރަތްކުރެދި އިމާރާތުގެ ހަތަރުވަނަ ފަންގިފިލާ އަދި ސ.ހިތަދޫ، ނޫމަސްވާދީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.