ކޮވިޑް 19 އާއި ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާތީ އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ޓެލެކްލާސްތައް ވެސް ވަކި މުއްދަތެއް ނެތް ގޮތަށް ކެންސަލް ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިކަން އާންމު ކޮށްފައިވަނީ މިރޭ ކުރި ޓުވީޓެއްގައެވެ.
އެގޮތުން މި ނިންމުމަކީ މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނައުމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް މިނިސްޓްރީގެ ޓުވީޓުގައި ބުނެފައިވެއެވެ.
މިއަދު މެންދުރު ފަހު 3:30 އިން ފެށިގެން މާލެ ސިޓީ ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވަނީ ޓްރެވަލް ހިސްޓްރީއެއް ނެތް ދިވެއްސަކު މާލެއިން ކޮވިޑް 19އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން މާލެ ލޮކްޑައުން ކުރުމުގެ އިތުރުން ލޮކްޑައުން މުއްދަތުގައި މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއް ފުރުންވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.