ކުއްލި ޚަބަރު

ލ. ގަމުގައި ޕޮލިސް ލޯންޗެއްގައި ރޯކޮށްލީ ޑުރަގް މައްސަލައަކާ ގުޅިގެން ބަދަލު ހިފުމަށް: ސީޕީ ހަމީދު

ލ. އަތޮޅު ގަމު ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލީ، ފުލުހުން ކުރަމުން ދިޔަ މަސްތުވާތަކެތީގެ ތަހުގީގެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ރޯކޮށްލާފައިވަނީ ޕޮލިސް ލޯންޗު 34ގައެވެ. އަދި އެ ހާދިސާގައި އެ ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ފުލުހުން ލޯންޗުކައިރިއަށް ގޮސް ބެލިއިރު ލޯންޗުގެ ވާގަނޑު ކަނޑާލާފައި އޮތް ކަމަށެވެ. އަދި އެއީ ބަޔަކު ކުރި ކަމެއް ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

ސަލާމަތީ ބާރުތަކުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހާދިސާގެ މައުލޫމާތު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ، މިހާތަނަށް ހޯދުނު ހޯދުންތަކުން އެ ލޯންޗުގައި ރޯކޮށްލާފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އުފެދިފައިހުރި ނަފްރަތުގެ ސަބަބުން ކަމަށެވެ.

"މިހާތަނަށް ހޯދުނު ހޯދުންތަކުގެ އަލީގައި ފާހަގަކުރެވެނީ މަސްތުވާތަކެއްޗާ ދެކޮޅަށް ޕޮލިސް ސާވިސް އިން، ހާއްސަކޮށް ޓްރެފިކްކުރާ އެތައް ބައެއްގެ ތަހުގީގުތައް ކުރަމުން އަންނައިރުގައި އެފަރާތްތަކުން ފުލުހުންނާ ދެމެދު އޮތް ނަފްރަތާއި އަދި އެކަންތައްތަކާމެދު އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އުފެދިފައިހުރި ނަފްރަތުގެ ސަބަބުން ހިނގާފައިވާ ކަމެއްކަން މިހާތަނަށް ފާހަގަކުރެވޭ،" ސީޕީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ މައްސަލަ ފުޅާ ދާއިރާއެއްގައި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.