ކުއްލި ޚަބަރު

މަހިބަދޫ ފަޅުގައި އަޅާފައި އޮތް ލޯންޗުތަކުގައި ރޯކޮށްލީ ރާވައިގެން ގަސްތުގައި: ސީޕީ ހަމީދު

އދ. މަހިބަދޫ ބަނދުރުތެރޭގައި އަޅާފައިހުރި ލޯންޗުތަކުގައި ރޭ ބަޔަކު އަލިފާން ރޯ ކޮށްލީ ގަސްތުގައި ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރޭ ފަތިހު އެމްއެންޑީއެފަށް ރިޕޯޓްކުރި އެ ހާދިސާގައި ޕޮލިސް ލޯންޗެއްގައާއި އަތޮޅު ކައުންސިލު ލޯންޗުގައާއި ސީއެމްބިޔުލެންސް ލޯންޗާއި އެޗްއެމްއެޗްއައި ޓްރަވެލެސްގެ ދެ ލޯންޗަކާއި ދެ ޑިންގީއެއްގައި ރޯވެ ވަނީ އަނދައިފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ސަލާމަތީ ބާރުތައް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެހާދިސާއާ ގުޅޭ މައުލޫމާތު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ، ފުލުހުންގެ ސެންޓުރަލް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހާއްސަ ޓީމެއް މަހިބަދޫގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެއީ ގަސްދުގައި ކޮށްފައިވާ އަމަލެއްކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

"ގަސްދުގައި ކޮށްފައިވާ އަމަލެއް. ދައުލަތުގެ އަދި އަމިއްލަ ފަރުދުންގެ މުދަލަށް ގެންލުން ދިނުމަށް ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވަނީ،" ސީޕީ ހަމީދު ވިދާޅުވިއެވެ.