އަލީ ޔާމިން
މި އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް ކޮންޓްރޯލު ކުރެވޭނެ ކަމަށާއި އެކަމުގެ އުއްމީދު އެބަ އޮތް ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފް ވިދާޅުވީ، ކޮވިޑް 19ގެ ނުރައްކާ ބޮޑު ކަމަށާއި އެހެންކަމުން އެ ބަލިން ރައްކާތެރިވުމަށް އެންމެންވެސް މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
މާލެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހާއަކީ ކޮމިއުނިޓީ ޓްރާންސްމިޝަނެއްގެ ގޮތުގައި ބެލެވޭ ކަމަށާއި އެހެންކަމުން ކޮވިޑް 19ގެ ހާލަތު މިވަނީ މުޅިން ބަދަލުވެ އޭގެ ނުރައްކާ ބޮޑުވެފައި ކަމަށްވެސް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ، ރާއްޖެއިން ކޮވިޑް 19އާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކަށް ބަލި ނުޖެހި ބަލި ކޮންޓްރޯލް ކުރެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
"ރާއްޖެއިން މި އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން. އަޅުގަނޑުމެންގެ އުންމީދު އެބައޮތް މި ބަލި ކޮންޓްރޯލް ކުރެވިދާނެ ކަމުގެ ގިނަ ބަޔަކަށް ނުޖެހެނީސް،" ޑރ. ލަތީފް ވިދާޅުވިއެވެ.
ޑރ. ލަތީފް ވިދާޅުވީ، 24 ގަޑިއިރަށް މާލެ ލޮކްޑައުން ކުރި ނަމަވެސް ހާލަތަށް ބަލައި ދިގު މުއްދަތަކަށް މާލެ ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށެވެ.