އަލީ ޔާމިން
ކޮވިޑް ޖެހިފައި ވަނިކޮށް މާލޭން ފެނުނު މީހާއާ ބައްދަލުވި 54 މީހަކު މިހާރުވެސް ވަނީ ފާހަގަކުރެވިފައި ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް 19އަށް މާލެއިން މިއަދު ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށާއި، އެގޮތުން ހަތަރު ގެއަކުން 54 މީހުން އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ.
"ބަލި މިހާގެ ގާތްގަނޑަކަށް، 54 ކޮންޓެކްޓްސް އެއް މިވަގުތާ ހަމައަށްވެސް ވަނީ އައިސޮލޭޓް ކުރެވިފައި. އަދިވެސް އިތުރަށް ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ޤަބޫލުކުރެވޭ ގޮތުގައި އަދިވެސް އިތުރު ފަރާތްތަކެއް މިއަދު އައިސޮލޭޓް ކުރެވިގެންދާނެ." ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، މިއަދު ބައްޔަށް ޕޮޒިޓިވްވި މީހާއާއި އެންމެ ގާތްކޮށް އުޅުނު މީހުންވެސް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއަދު ޕޮޒިޓިވްވި މީހާއާ ގުޅިގެން އަތޮޅު ތެރެއިންވެސް މީހުން އެކަހެރިކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"އެގޮތުން އައްޑޫގައި ދެ މީހަކު އެސެސް ކުރެވެމުން އެބަދޭ. އަދި ގދ.ވާދޫގައި ދެ މީހަކު އެސެސް ކުރެވެމުން އެބަދޭ،" ޑރ.ނަޒްލާ ވިދާޅުވިއެވެ.
މާލެއިން ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާއާ ކޮންޓެކްޓުވި 11 މީހެއްގެ ސާމްޕަލް ވެސް މިހާރު ވަނީ ނަގައިފައެވެ. އެމީހާ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ މާލެ ފުލޫ ކްލިނިކަށް ދެއްކުމުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.