އަލީ ޔާމިން
ކޮވިޑް ޖެހިފައި ވަނިކޮށް މާލޭން ފެނުނު މީހާއާ ގުޅުން ހުރި މީހުން އަތޮޅުތަކުގައި ވެސް އެބަ ތިބި ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މާލެއިން މިއަދު ކޮވިޑް 19އަށް ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް މީހުން އައިސޮލޭޓް ކުރެވިފައި އެބަތިބި ކަމަށެވެ.
"އައްޑޫގައި ދެ މީހަކު އެސެސް ކުރެވެމުން އެބަދޭ، އަދި ގދ.ވާދޫގައި ދެ މީހަކު އެސެސް ކުރެވެމުން އެބަދޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު ޕޮޒިޓިވްވި މީހާއާ ސީދާ ދިމާވި މާލޭގެ ހަތަރު ގެއެއްގެ 55 މީހުން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށާއި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގައި ދިމާވި މީހުންވެސް ދެނެގަންނަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލެއިން ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާއާ ކޮންޓެކްޓުވި 11 މީހެއްގެ ސާމްޕަލް ވެސް މިހާރު ވަނީ ނަގައިފައެވެ. އެމީހާ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ މާލެ ފުލޫ ކްލިނިކަށް ދެއްކުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.
މާލެއިން މިއަދު ކޮވިޑް 19އަށް މީހަކު ޕޮޒިޓިވްވުމާއެކު އެޗްޕީއޭއިން ވަނީ 24 ގަޑިއިރަަށް މާލެ ލޮކްޑައުންކޮށްފައެވެ.