އަލީ ޔާމިން
އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ގެއިން ބޭރަށް ނުނިކުތުމަށް ޑޮކްޓަރު އަލީލަތީފް އިލްތިމާސްކުރައްވައިފި އެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަތީފް ވިދާޅުވީ، ކޮވިޑް 19 ފެތުރުމަކީ ބޮޑު ބިރުވެރިކަމެއް ކަމަށާއި، އެހެންކަމުން ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކުރެވޭނެ އެންމެ މުހިންމު ކަމަކީ އިޖުތިމާއީގައިދުރުކުރުން ކަމަށެވެ.
"އެންމެ މުހިންމު ކަމަކީ މަގުމަށްޗަށް ނުނިކުތުން. ގޭގައި މަޑުކުރެއްވުން. ރޯގާއެއް ޖެހިއްޖެނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ހޮޓްލައިނަށް ގުޅުއްވާފައި ލަފާ ހޯއްދެވުން" ޑރ. ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ، ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ކުޑަކުދިން ބޭރަށް ދިއުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް 19 ޖެހުުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި ކުޑަކުދިން ހިމެނެއެވެ.
"އުމުރުން ދުވަސްވީ މީހުން، 65 އަހަރުން މަތީ ބޭފުޅުން އަޅުގަނޑުމެން އެދެނީ ބޭރަށް ވަޑައިނުގަތުން. މާބަނޑު މީހުންވެސް ކުޑަކުދިންވެސް ބޭރަށް ވަޑައިނުގަތުން" ޑރ. ލަތީފް ވިދާޅުވިއެވެ.
ޑރ. ލަތީފް ވިދާޅުވީ، ޒުވާނުންނަށްވެސް އަދި އެހެން އުމުރުފުރާތަކުގެ މީހުންނަށްވެސް މި ބަލި ޖެހޭ ކަމަށާއި އެހެންކަމުން ހުރިހާ ފަރާތްތައްވެސް މިވަގުތު ފަރުދީ ޒިންމާ އަދާކޮށް ގޭގައި ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
މާލެއިން މިއަދު ވަނީ ކޮވިޑް 19އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ އެއީ ކޮމިޔުނިޓީ ޓްރާންސިޝަންއެއްކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އެއާއެކު މާލެ ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފައެވެ.