އަލީ ޔާމިން
ކޮވިޑު ބަލީގެ މީހަކު ފެނުމަކީ ވަރަށް ބިރުވެރިކަމެއް ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ، މާލެއިން މިއަދު ކޮވިޑް 19އަށް ޕޮޒިޓިވް ވި ދިވެހި މީހާއަކީ ބަލި ޖެހިފައިހުރި އެހެން މީހަކާ ކޮންޓެކްޓްވި މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގެން ނެތް ކަމަށާއި އެހެންކަމުން އޭނާއަކީ ކޮމިޔުނިޓީ ޓްރާންސްމިޝަނެއް ގޮތަށް ދޭހަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭސްއެއް މި ފެނުނީ 7 މާޗުގައި. އޭގެ 45 ދުވަސް ފަހުން އަޅުގަނޑުމެންނަށް މާލެއިން ކޭސް އެއް މިފެނުނީ. ހުރިހާ ބޭފުޅުންގެ ހިތުގައިވެސް މިހާރު އުފެދޭނެ ސުވާލަކީ މާލެ ތެރޭގައި މިބަލި ފެތުރެނީތޯއޭ ނޫންތޯއޭ. މިހާ ހިސާބަށް އަޅުގަނޑުމެން ބެލި ބެލުމަށް މި ދޭހަވަނީ މިއީ ކޮމިޔުނިޓީ ޓްރާންސްމިޝަނެއް ކަމުގައި." ޑރ ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ލަތީފް ވިދާޅުވީ، ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނުމަކީ ބޮޑު ބިރުވެރިކަމެއް ކަމަށާއި، އެއީ އެހެން ގައުމުތަކަށް ނަޒަރު ހިންގާލާއިރުވެސް ބަލި ފެތުރިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވާތީ ކަމަށެވެ.
"މި ބައްޔަކީ އަރުދަފުސް ރޯގާއެއް. ނަމަވެސް މިބަލީގައި މަރުވާ މީހުންވެސް ގިނަ. އެހެންކަމުން މިއީ އާދައިގެ ރޯގާއެއްގެ ގޮތުގައި ބަލައިގެން ނުވާނެ. ރޯގާ ޖެހޭ މީހުންގެ ތެރެއިން 80 ޕަސަންޓް މީހުންނަކީ ހަމަ އާދައިގެ އެހެން ރޯގާތައް ގޮތަށް ކެއްސާފަ އެހެން އަލާމާތްތައް ފެންނަ މީހުން. އޭގެ ތެރެއިން ބައެއް މީހުންގެ އެއްވެސް އަލާމާތެއް ނުހުރެދާނެ" ޑރ. ލަތީފް ވިދާޅުވިއެވެ.
ޑރ. ލަތީފް ވިދާޅުވީ ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވާ 20 އިންސަ މީހުން އެޑްމިޓް ކުރަން ޖެހޭއިރު ފަސް އިންސަ މީހުންނަށް ކްރިޓިކަލް ކެއާތަކުގައި ފަރުވާދޭން ޖެހޭނެ ކަމަށެވެ. އަދި ދެ އިންސައްތަ މީހުން ބަލީގައި މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކޮވިޑް 19ގެ ނުރައްކާ ބޮޑުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ އިޖުތިމާއީ ގައިދުރުކުރުން ކަމުގައިވެސް ޑރ. ލަތީފް ފާހަގަކުރެއްވިއެވެ.