ކުއްލި ޚަބަރު

ކޮވިޑުން ރައްކާތެރިވުމަށް އެންމެން ގުޅިގެން ކެތްތެރިކަމާއެކު މަސައްކަތްކުރުމަށް ރައީސް އެދިވަޑައިގެންފި

ކޮވިޑުން ރައްކާތެރިވުމަށް އެންމެން ގުޅިގެން ކެތްތެރިކަމާއެކު މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

މާލޭން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ދައުލަތުގެ އިސްވެރިންގެ ލަފަޔާއެކު ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ނިމެންދެން މާލެ 24 ގަޑިއިރަށް ލޮކްޑައުން ކުރަން ނިންމުމުން އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ދައުލަތުގެ މުއައްސަސާތަކުން ކުރަމުންގެންދާނެ ކަމަށެވެ.

އެކަމާ ގުޅިގެން އާންމު ދިރިއުޅުމުގެ ކަންކަމުގައި ދަތިތަކާ ކުރިމަތިވާނެކަން އެނގިލައްވާ ކަމަށާއި ނަމަވެސް އެކަންކަން ތަންފީޒު ކުރަމުން ގެންދާއިރު ކެތްތެރިކަމާއެކު އެކަމަށް އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

"މިކަމާ ގުޅިގެން އާންމު ދިރިއުޅުމުގެ ކަންކަމުގައި ދަތިތަކާ ކުރިމަތިވާނެކަން އެނގޭ. އެހެންނަމަވެސް މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް. ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އަޅުގަނޑުމެން އެކުގައި މަސައްކަތްކުރުމުން އިރާދަކުރެއްވިއްޔާ މިކަމުގައި އަރައިގަނެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި އިތުރަށް ވަނީ، ބަލިން ރައްކާތެރިކުވުމަށް އެއްވެސް ވަރުބަލިކަމެއް ނެތި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރީ ސަފުގައި މަސައްކަތްކުރައްވަމުން ގެންދަވާ ހުރިހާ ސިއްހީ ހިދުމަތްތެރިންނަށާއި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ.