ކެންތެރިކަން އިސްކުރައްވައި ދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.
މާލޭން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިދަނޑިވަޅުގައި އެކަކު އަނެކަކާމެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުއާމަލާތްކުރުމަށާއި ކެތްތެރިކަން އިސްކުރައްވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވާ ކަމަށެވެ.
"މިހާތަނަށް އެއްވެސް ބޭހެއް އަދި ވެކްސިނެއް ހޯދިފައިނެތް މިބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ބޭރުތެރެއަށް ނުނިކުންނަވާ ގޭގައި މަޑުކުރެއްވުން. އަދި ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ގިނަގިނައިން އަތްދޮވެ ސާފުތާހިރުކަމުގެ މިންގަނޑުތަކާއެކު އަމަލުކުރެއްވުމަށް،" އަސަރާއެކު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވަނީ، މާލޭން ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅިގެން ސިއްހީ ތަޖުރިބާކާރުންނާއި ދައުލަތުގެ އިސްވެރިންގެ ލަފަޔާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލޭގައި 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތު އިއުލާން ކޮށްފައިވާއިރު އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ދައުލަތުގެ މުއައްސަސާތަކުން ކުރަމުންގެންދާއިރު ކެތްތެރިކަމާއެކު އެކަމަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.
އެކަމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންކަމުގައި ދަތިތަކާ ކުރިމަތިވާނެކަން އެނގިލައްވާ ކަމަށާއި ނަމަވެސް މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އަޅުގަނޑުމެން އެކުގައި މަސައްކަތްކުރުމުން ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށެވެ.