ކުއްލި ޚަބަރު

ކޮވިޑް ފެތުރިދާނެ ހާލަތަކަށް ރާއްޖެ މިއޮތީ ތައްޔާރަށް: ރައީސް

ކޮވިޑް 19 ފެތުރިދާނެ ހާލަތަކަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާލޭން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ މިބަލި ރާއްޖޭގައި ވެސް ފެތުރުމުގެ ފުރުސަތު އޮތްކަމަށް ބަލައިގެން ޖަނަވަރީ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ދައުލަތުގެ ހުރިހާ މުއައްސަސާތައް ހިމެނޭ ގޮތަށް މި ހާލަތަށް ތައްޔާރުވަމުން އައިސްފައިވާ ކަމަށެވެ.

"ވަކިން ހާއްސަކޮށް މާލެ ތެރެއިން އެންމެ މީހަކުވިޔަސް މި ބައްޔަށް ޕޮޒިޓިވް ވެދާނެ ކަމަށް ބަލައި އަޅުގަނޑުމެން މިތިބީ ތައްޔާރުވެގެން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ބަލި ފެތުރޭ މިންވަރު ވީހާވެސް ކުޑަކުރުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށް ވިދާޅުވިއެވެ.

"ހުރިހާ ރައްޔިތުންގެ ކިބައިން މިއެދެނީ. އެކަކު އަނެކަކާމެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުއާމަލާތްކުރުމަށް. އަދި ކެތްތެރިކަން އިސްކުރައްވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި އިތުރަށް ވަނީ، ބަލިން ރައްކާތެރިކުވުމަށް އެއްވެސް ވަރުބަލިކަމެއް ނެތި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރީ ސަފުގައި މަސައްކަތްކުރައްވަމުން ގެންދަވާ ހުރިހާ ސިއްހީ ހިދުމަތްތެރިންނަށާއި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ.