ކުއްލި ޚަބަރު

ލޮކްޑައުންގެ ހާލަތުގައި މާލޭ ސަރަހައްދުން އެއްވެސް އުޅަނދެއް ފުރުންވެސް މަނާކޮށްފި

މުހައްމަދު ސިމާއު

މާލެ ސިޓީ "ލޮކްޑައުން" ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއް ވެސް ފުރުމަކީ ވެސް މަނާކަމެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސިޓީއަށް ލޮކްޑައުންގެ ހާލަތު އިއުލާންކުރީ މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް 19ގެ އަލާމާތްތައް ފެނި ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

އެންގުމުގައި ބުނެފައިވާ ގޮތުން ލޮކްޑައުން ކުރަން ނިންމާފައިވަނީ މިއަދު މެންދުރު 2:30 އިން ފެށިގެން 24 ގަޑިއިރަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކޮށް އެޗްޕީއޭ އިން މިއަދު ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ، ލޮކްޑައުންގެ ހާލަތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކުރާ ކަމަށެވެ. އަދި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓާލުމަށާއި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށިގެ ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުމަށް ވެސް އަންގާފައިވެއެވެ.

އެހެންނަމަވެސް ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލާންސް، ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކަށް އެ ފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމަށް ބުނެފައިވެއެވެ.