ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދުގެ އަސުރު ނަމާދު ވަގުތަށްފަހު ގައުމާ މުހާތަބުކުރައްވަން ނިންމަވައިފި އެވެ.
އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވަން ނިންމަވާފައި މިވަނީ، ފުރަތަމަ ފަހަރަށް މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހަކު މިއަދު ފެނިފައިވަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، މިއަދު އަސުރު ނަމާދަށްފަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ރައީސް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މާލޭން ކޮވިޑް 19 އަށް ޕޮޒިޓިވްވީ މީހަކު ފެނުމާ ގުޅިގެން މުޅި މާލޭސިޓީ ވަނީ ލޮކްޑައުންކޮށްފައެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޯވިޑް19 ގެ އަލާމާތްތައް ފެނި ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ 24 ގަޑިއިރަށް "ލޮކްޑައުން" ހާލަތަކަށް ގެނެސްފައިވާކަން އިއުލާނުކުރާ ކަމަށެވެ.
މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމުގައި ބަޔާނުގައި ބުނެފައި ވެއެވެ. ބަޔާނުގައި ބުނެފައިވަނީ މި ބަޔާން ނެރުނު ވަގުތުން ފެށިގެން ލޮކްޑައުންގެ ވަގުތު ހިނގަން ފަށާނެ ކަމަށެވެ. ބަޔާން ނެރެފައިވަނީ މެންދުރު 2:30 ގައެވެ.