ކޮވިޑް 19 އަށް ޕޮސިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެއް ކ. ކާށިދޫއަށް ދަތުރުކޮށްފައިވާތީ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސް އެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން ބުނީ ކާށިދޫއަށް ދަތުރުކޮށްފައިވާ މީހަކީ ކޮވިޑް 19 އަށް ޕޮސިޓިވްވި ދިވެއްސެއްގެ "ޑައިރެކްޓް ކޮންޓެކްޓް" އެއް ކަމަށާއި އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މާލޭން މިއަދު ކޮވިޑް 19 ޖެހިފައިވާ ދިވެއްސަކު މިއަދު ވަނީ ފެނިފައެވެ. އެޗްޕީއޭ އިން ބުނީ، އެ މީހާއަކީ ރާއްޖޭން ބޭރަށް ދަތުރުކޮށްފައިނުވާ މީހެއް ކަމަށާއި ނަމަވެސް އެ ކޭސްއާ ގުޅިގެން އޭނާ ދިރިއުޅޭ ގެ ކަރަންޓީން ކޮށްފައިވާ ކަމަށެވެ.
މިކޭސްއާ ގުޅިގެން އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދަށް 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތު އިއުލާންކޮށް، ގެއިން ބޭރަށް ނުކުތުން މަނާކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި ބަނދަރުކޮށްފައި އޮތް އެއްވެސް އުޅަނދެއް ފުރުން ވަނީ މަނާކޮށްފައެވެ.