ކުއްލި ޚަބަރު

މާލޭ ސިޓީ ލޮކްޑައުން ކޮށްފި

އަލީ ޔާމިން

މާލޭ ސިޓީ ލޮކްޑައުން ކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޯވިޑް19 ގެ އަލާމާތްތައް ފެނި ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ 24 ގަޑިއިރަށް "ލޮކްޑައުން" ހާލަތަކަށް ގެނެސްފައިވާކަން އިއުލާނުކުރާ ކަމަށެވެ.

މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމުގައި ބަޔާނުގައި ބުނެފައި ވެއެވެ. ބަޔާނުގައި ބުނެފައިވަނީ މި ބަޔާން ނެރުނު ވަގުތުން ފެށިގެން ލޮކްޑައުންގެ ވަގުތު ހިނގަން ފަށާނެ ކަމަށެވެ. ބަޔާން ނެރެފައިވަނީ މެންދުރު 2:30 ގައެވެ.

  • ލޮކްޑައުންގެ އެންގުމާއެކު އަޅަން ނިންމާފައިވާ ފިޔަވަޅުތައް:
  • - މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާކުރުން
  • - މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓައިލުން
  • - މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން

އެހެންނަމަވެސް ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލާންސް، ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކަށް އެ ފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ހާއްސަ ހާލަތްތަކެއްގައި އޭނާ އަންގާ ގޮތެއްގެ މަތިން އަމަލުކުރެވޭނެ ކަމަށެވެ. އަދި ލޮކްޑައުންގައި އަޅަން ނިންމި ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަގުތަށާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާޢި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ ފުލުހުން ކަމަށް ވެސް ބުނެފައިވެއެވެ.