ކުއްލި ޚަބަރު

ތޫފާން ޖެހިއްޖެ، ހާސްނުވެ ގޭގައި ތިއްބަވާ!: ޑރ. މުހައްމަދު އަލީ

ތޫފާން ޖެހިއްޖެ ކަމަށާއި، ނަމަވެސް ހާސްނުވެ ގޭގައި ތިބުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ އިލްތިމާސްކުރައްވައިފި އެވެ.

ޑރ. މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިން މި ބަލިން ރައްކާތެރިވުމަށް ތައްޔާރު ވަމުން އައި ކަމަށާއި، މިހާރުވެސް އެކަމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، މި ބައްޔާއި ގުޅިގެންވާ ތައްޔާރީތަކަކީ ނިމުމެއް ނެތް ކަމެއް ކަމަށެވެ.

މީގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތައް ހަމައެކަނި ތައުރީފު ކުރުމުގެ ބަދަލުގައި އެމީހުން ދެމުން އަންނަ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ޑރ. މުހައްމަދު އަލީ އެދިވަޑައިގެންނެވިއެވެ. އަދި ދޮގު މައުލޫމާތު ނުފެތުރުމަށާއި، ބައެއް ގައުމުތަކުން މީހުންގެ އަބުރު ކަތިލަމުންދާ ފަދައިން އަމަލު ނުކުރުމަށް ވެސް ޑރ. މުހައްމަދު އަލީ އިރުޝާދު ދެއްވިއެވެ.

މިއަދު މާލެއިން ވަނީ ޓްރެވަލް ހިސްޓްރީއެއް ނެތް ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު ކޮވިޑް 19 މާލެތެރެއަށް ފެތުރުމުގެ ފުރުސަތު މިވަނީ ބޮޑުވެފައެވެ.