އިބްރާހިމް ޒަކީ
ރާއްޖޭގެ ރަށްރަށުގައި ކޮވިޑް 21 ފެތުރޭނެކަމީ އަބަދުވެސް އާއްމު ސިއްހަތުގެ މާހިރުންނަށް އެނގިތިބި ކަމެއް ކަމަށާއި، އެކަން ކުރިއަށް އެދަނީ އެންމެ ފުރަތަމަވެސް މިކަން ވާނެ ކަމަށް އަންދާޒާ ކުރެވުނު ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހަކު ފުރަތަމަ ފަހަރަށް މިއަދު މާލޭން ފެނުމާ ގުޅިގެން މަޖިލިސް ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް 19 އަށް ސަރުކާރު ވަރަށް ބޮޑަށް ތައްޔާރު ވެފައިވާ ކަމަށެވެ. އަދި މިކަމުގައި ކަންބޮޑުވެވަޑައިނުގަތުމަށާއި، މިކަމުން އަވަހަށް ސަލާމަތްވެވޭނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގެ ރަށްރަށުގައި ކޮވިޑް 19 ފެތުރޭނެކަމީ އަބަދުވެސް އާއްމު ސިއްހަތުގެ މާހިރުންނަށް އެނގިތިބި ކަމެއް، އެންމެ ފުރަތަމަވެސް މިކަން ވާނެކަމަށް އަންދާޒާ ކުރެވުނު ގޮތަށް މިދަނީ، ސަރުކާރުން ވަނީ މިކަމަށް ތައްޔާރުވެފަ، ކަންބޮޑުވެ ވަޑައިނުގަންނަވާ. އިރާދަފުޅުން މިކަމުން އަވަހަށް ސަލާމަތްވާނެ،" މަޖިލިސް ރައީސްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ، ކޮވިޑް 19 ޖެހިފައި ވަނިކޮށް މާލެތެރޭން ފެނުނު މީހާއަކީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކަމަށެވެ.
މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވް ވި ހަވަނަ މީހާ އެވެ. މި މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ.
ފްލޫ ކުލިނިކަކީ، މާލޭ ހިޔާގެ ބިއްދޮށުގައި ހުންނަ ކުލިނެކެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ ރާއްޖެއިން 96،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފައެވެ.
ކޮވިޑް 19 މުޖުތަމައުގެ ތެރޭގައި ފެތުރެން ފަށައިފިނަމަ ފެތުރޭނެ މިންވަރުގެ މައްޗަށް ބަލައި ތައްޔާރު ކޮށްފައިވާ ދިރާސާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) މެޑިކަލް އޮފިސަލް ޑރ. ނަލްޒާ ރަފީގު ރޭ ވިދާޅުވީ، ކޮވިޑް 19 އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ މި ބަލި 96،000 އަށްވުރެ ގިނަ މީހުންނަށް ޖެހޭނެ ކަމަށާއި އެގޮތުން މާލެ ސަރައްދުން އެކަނި ވެސް 46،000 އަށްވުރެ ގިނަ މީހުންނަށް އަދި އަތޮޅުތަކުން 51،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހުން އެކަށީގެންވާ ކަމަށެވެ.
ޑރ. ނަލްޒާ ވިދާޅުވީ، މުޖުތަމައުގެ ތެރެއިން ބަލި ފެންނަތާ 47 ދުވަސް ތެރޭގައި ބަލި "ޕީކް"އަށް ދާނެ ކަމަށާއި، އޭރުން ދުވާލެއްގެ މައްޗަށް 7،500 މީހުންނަށް ބަލި ޖެހުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން މިހާތަނަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޮމިޔުނިޓީ ސްޕްރެޑެއް އަޔަސް ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރެވިދާނެ ކަމަށެވެ. އެގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ބަލި ޖެހޭ މީހުންގެ އަދަދު 2،000 އަށް މަދުކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭއިން ލަފާކޮށްފައިވަނީ ކޮވިޑް 19އަށް ތައްޔާރުނުވެ އޮއްވައި މުޖުތަމައުގެ ތެރެއިން އެބަލި ފެތުރިއްޖެނަމަ 10،000 އަށްވުރެ ގިނަ މީހުން އެބަލީގައި މަރުވާނެ ކަމަށެވެ.