ކޮވިޑް19 މާލެ ތެރެޔަށް ފެތުރި، ކޮމިޔުނިޓީ ސްޕްރެޑަކަށް ވެފައިވަނިކޮށް، ގިނަ ބަޔަކު މާލެއިން ރަށްރަށަށް ފުރަން ފަށައިފި އެވެ.
މީގެ ކުރީން ރާއްޖޭން ފެނުނު ކޮވިޑް ބަލީގެ ހުރިހާ މީހުންނަކީ ވެސް އިމްޕޯޓެޑް ކޭސް، ނުވަތަ ރާއްޖޭން ބޭރުން އައި މީހުންނެވެ. އެހެންނަމެވެސް ކޮވިޑު ޖެހިފައި ވަނިކޮށް މިއަދު މާލޭން ފެނުނު މީހާއަކީ ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ވެސް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.
މާލެ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބައިބޯ އެއް ކެޕިޓަލް ސިޓީ އެވެ. އަދި މާލެ ތެރެޔަށް ކޮވިޑް ފެތުރިއްޖެ ނަމަ މި ބަލި ކޮންޓްރޯލު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން އައީ ތަކުރާރުކޮށް ބުނަމުންނެވެ. އެ ފުރުސަތު ނުދިނުމަށް ޓަކައި، މީހުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް ވެސް އެ އިދާރާތަކުނަ އައީ އިލްތިމާސްކުރަމުންނެވެ. އެހެން ނަމަވެސް އެ އިލްތިމާސްތަކަށް ގިނަ މީހުންގެ ފުށުން ލިބިގެން ދިޔައީ ބީރު ކަންފަތެކެވެ. ގިނަ ބަޔަކު އުޅެމުން ދިޔައީ މަސްހުނިވެގެން ބޭރު ތެރޭގަ އެވެ. ފިހާރަތަކާއި މާރުކޭޓުތައް ފަދަ ތަންތަނަށް މީހުން ތޮއްޖެހުން މަދެއް ނުވި އެވެ.
މާލޭ ސަރަހައްދުގައި ކާފިއުވެސް ސަރުކާރުން އިއުލާނުކުރި އެވެ. އެހެން ނަމަވެސް ކާފިއު އުވާލީ ކާއިފުގެ ކުރިޔާއި ފަހުގެ ވަގުތުގައި އާދަޔާ ހިލާފަށް ގިނައިން މީހުން މަގުތަކަށް ނުކުންނާތީ އެވެ.
ވަންގެ ނޫސްވެރީން މިއަދު ބަނދަރު ސަރަހައްދުތަކަށް ގޮސް ބެލުމުން ފެނުނީ، ގިނަ އަދަދެއްގެ ބަޔަކު އާއިލާއާ އެކު ރަށްރަށަށް ފުރައިގެން ދާ ތަނެވެ. ބައެއް މީހުންނާ ސުވާލުކޮށްލުމުން ބުނީ، މި ވަގުތު މާލޭގައި ތިބުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ގަބޫލު ނުކުރެވޭތީ އާއި ރަށްފުށުގައި ރައްކާތެރިކަން ބޮޑުވާނެ ކަމަށް ބެލެވޭތީ ފުރައިގެން ދަނީ ކަމަށެވެ.
ކޮވިޑް ބަލި މުޖުތަމައު ތެރެޔަށް ފެތުރިއްޖެ ނަމަ، އެތައް ހާސް ބަޔަކަށް މި ބަލި ޖެހި ބައެއް މީހުން މަރުވާނެ ކަމަށް އެޗްޕީއޭއިް ވަނީ ލަފާކޮށްފަ އެވެ.