ކުއްލި ޚަބަރު

ކޮވިޑް ޖެހިފައި ވަނިކޮށް މާލެ ތެރޭން ފެނުނު މީހާ ރާއްޖޭން ބޭރަށް ދަތުރުކޮށްފައެއް ނުވޭ: އެޗްޕީއޭ

މަރިޔަމް ޝަހުދާ

ކޮވިޑް ޖެހިފައި ވަނިކޮށް މާލެ ތެރޭން ފެނުނު މީހާ ރާއްޖޭން ބޭރަށް ދަތުރުކޮށްފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭއިން މީގެ އިރުކޮޅެއް ކުރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ކޮވިޑް 19 އަށް ޕޮސިޓިވްވި މީހާއަކީ އިއްޔެ މާލެ ހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށެވެ. އަދި އެމީހާ ޓެސްޓު ކުރީ ރޯގާގެ އަލާމަތްތަކެއް ހުރުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެމީހާއަށް ކޮވިޑް 19 ޖެހިފައިވާކަން ކަށަވަރު ވުމާއެކު އެމައުލޫމާތު ދީ، ވަގުތީ ގޮތުން އޭނާ ދިރިއުޅޭ ސަރަހައްދު ބަންދުކޮށް، އެމީހާ ދިރިއުޅޭ ގެ ކަރަންޓީނު ކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި ރެޕިޑް ރެސްޕޮންސް ޓީމުން މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހާ މިހާރު އައިސޮލޭޝަން ފެސިލިޓީގައި އެކަހެރި ކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

"މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަ ކުރަމެވެ." އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިހާލަތުގައި އެޗްޕީއޭއިން އަންގާ އެންގުންތަކަށް އަމަލު ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ. އަދި ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުދިއުމަށާއި، އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމުގައި އިތުރަށް ސަމާލު ވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ.