ކޮވިޑް 19

ރާއްޖެއިން ދިޔަފަހުން ކޮވިޑް 19 ޖެހުނު ފެލައިނީ އެބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން ކޮވިޑް 19އަށް ޕޮޒިޓިވް ވި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފިލްޑަރު މަރުއާން ފެލައިނީ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ޗައިނީސް ސުޕަ ލީގުގެ ޓީމެއް ކަމަށްވާ ޝަންޑޮން ލުނެން އަށް މިހާރު ކުޅެމުން އަންނަ ފެލައިނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. ފެލައިނީ ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން އޭނާގެ ޓީމުން ވެސް ވަނީ ބުނެފައެވެ.

އުމުރުން 32 އަހަރުގެ ފެލައިނީ އަށް ފަރުވާދީފައިވަނީ ޗައިނާގެ ޖިނާން ހޮސްޕިޓަލްގައެވެ. ބަލިން ރަނގަޅުވުމާއެކު އޭނާ ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ފެލައިނީ އަކީ ޗައިނީސް ސުޕަ ލީގުން ކޮވިޑް 19 ޖެހުނު ފުރަތަމަ ކުޅުންތެރިޔާ އެވެ.

ފެލައިނީ ވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުން އެހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ރާއްޖެއިން ފެލައިނީއާ ކޮންޓެކްޓްވި ތިން މީހަކު ކަރަންޓީނު ކުރި އެވެ. ނަމަވެސް އެމީހުން އެބައްޔަށް ނެގެޓިވް ވުމުން ވަނީ ދޫކޮށްލާފައެވެ.

އެވަޓަންގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެ ޓީމުގެ ކޯޗު ޑޭވިޑް މޮއިސްއާ އެކު 2014 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ 27 މިލިއަން ޕައުންޑަށް ގުޅުނު ފެލައިނީ ޗައިނާގެ ލުނެން އަށް ބަދަލުވީ 2019 ވަނަ އަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައެވެ.