އިބްރާހިމް ޒަކީ
ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއެކު ވެސް އެބަލި ރާއްޖޭން 2000 މީހުންނަށް ޖެހި، އޭގެ ތެރެއިން ދިހަ ޕަސެންޓް، ނުވަތަ ފަސްޕަސެންޓް މީހުން ނުރައްކާތެރި ހާލަތަކަށްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާއި ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ދައުލަތުގެ އިދާރާތައް ބަންދުކުރި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމިޓީތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްފަހު، އަލުން މަޖިިލިސް ޖަލްސާތައް މަޖިލިސް ކުރާ ގޭގައި ކުރިއަށްގެންދިއުމާ ބެހޭގޮތުން، ސިޔާސީ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންނާއެކު، ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެ ހިސާބުތަކަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ދިރާސާއިން ދައްކާ ގޮތް ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެޗްޕީއޭގެ ސާވޭގައި ބުނެފައިވާ ގޮތުން، ކޮވިޑް 19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު މިހާރު މިއޮތް، ގައިދުރު ކުރުމުގެ ފިޔަވަޅުތައް އެޅުމުން ބަންދުގައި 210 ދުވަސް ތިބެން ޖެހޭނެއެވެ. އެހެންކަމުން ކޮވިޑް 19 އާއި ގުޅިގެން މިހާރު އޮތް ހާލަތު އާއްމު ހާލަތަށް ބަދަލުވާން 210 ދުވަސް ނަގާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި، މިހާތަނަށް މިކަމުގައި 30 ދުވަސް ހޭދަވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ މި ފިޔަވަޅުތަކާއެކު ވެސް، 2000 މީހުންނަށް ކޮވިޑް 19 ޖެހޭނެ ކަމަށް ދައްކާއިރު، އެ ބައްޔާ ގުޅިގެން ޕީކްވާނެ ކަމަށް އަންދާޒާ ވަނީ 105 ދުވަސް ކަމަށެވެ.