ސްޕެއިން

ސްޕެއިންގައި ލޮކްޑައުންގެ ފިޔަވަޅުތަކަށް ދޫދިނުމުން ތިންލައްކައެއްހާ މީހުން ވަޒީފާތަކަށް ނުކުމެއްޖެ

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19 ދެވަނައަށް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމު، ސްޕެއިންގައި ލޮކްޑައުންގެ ބައެއް ފިޔަވަޅުތަކުން ދޫދިނުމުން ތިން ލައްކައެއްހާ މީހުން ވަޒީފާތަކަށް ނުކުމެއްޖެއެެވެ.

ސްޕެއިންގެ ސެންޓްރަލް ސިޓީ ކަމަށްވާ މެޑްރިޑްގެ ރީޖަނަލް ސަރުކާރުގެ ފަރާތުން މީޑިއާތަަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެގައުމުގައި އިއްޔެ ލޮކްޑައުންއާއ ގުޅިގެން އެޅި ބައެއް ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން އާއި މެނުފެކްޗަރިން އިންޑަސްޓްރީއަށް އެޅި ފިޔަވަޅުތައް ހިމެނެއެވެ. އެހެންކަމުން އެ ދާއިރާތަކުގައި މަސައްކަތްކުރާ އެތައްހާސް ބަޔަކު ވަޒީފާތަކަށް ނުކުމެފައިވާކަމަށްވެއެވެ. ނަމަވެސް އަދިވެސް ފިހާރަތަކާއި، ރެސްޓޯރަންޓުތަކާއި އެހެން ވިޔަފާރިތައް ބަންދުކޮށްފައިވާކަމަށް އެގައުމުން ބުނެއެވެ.

ސަރުކާރުން ބައެއް އިންޑަސްޓްރީތައް ހުޅުވާލުމާއެކު އެގައުމުގެ ޖެނެރަލް ވޯކާސް ޔޫނިއަނުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ގާތްގަނޑަކަށް 940،000 މީހުންގެ މައްޗަށް އޮންނަ އެ ޔޫނިއަނުން ވަނީ ވަޒީފާދޭ ފަރާތްތަކުން ހުރިހާ މުވައްޒަފުންނަށް ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ ލޮކްޑައުންގެ ފިޔަވަޅުތަކުން ދޫދިންކަމުގައި ވިއަސް އަދިވެސް ގައުމު އޮތީ ކޮންމެ ހާލަތަކަށްވެސް ގޮސްދާނެކަމަށް ބަލަބަލައިކަމަށެވެ. އާންމު ދިރިއުޅުމަށް ނުކުތް ކަމުގައި ވިއަސް މިއީ ކުރީގައި އޮތް އާންމު ދިރިއުޅުން ނޫންކަމަށާއި ހުރިހާ މީހުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ބޮޑުވަޒީރު އެދިވަޑައިގެންނެވި އެވެ.

ސްޕެއިނުގައި ކޮވިޑް19 އަށް 170000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު 17700 މީހުނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެގައުމަކީ ޔޫރަޕުގައިވެސް އެންމެ ގިނަ މީހުން ކޮވިޑް19އަށް ޕޮޒިޓިވް ވި ގައުމެވެ. ނަމަވެސް ފާއިތުވު ދެތިން ދުވަހު އެގަައުމުގައި ބަލިން މަރުވި މީހުން ވަނީ ދަށްވާން ފަށާފައެވެެ.

ކޮވިޑް19 އަށް ދުނިޔެއިން މިހާތަނަށް 1,925,000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު 119,000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 447,900އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.