ކޮވިޑް 19ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ރާއްޖެ ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތަކަށް 56.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅައިފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، 151 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން ޕޯޓަބަލް ހަ ވެންޓިލޭޓަރު ގެނައުމަށް 16 ފަރާތަކަށް ގުޅައި އޭގެ ތެރެއިން ހަތަރު ފަރާތަކުން ޕްރޮޕޯޒަލް ހުށަހެޅި ކަމަށާއި އެ ޕްރޮޕޯޒަލްތައް ރިވިއުކުރުމަށް ފަހު އެތަނުން އެއް ކުންފުންޏަކާ އެކަން ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެ ވެންޓިލޭޓަރުތައް ގަންނަން 1.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ، އެ ހަ ވެންޓިލޭޓަރުތަކުގެ އިތުރުން 135 ވެންޓިލޭޓަރެއް ހޯދުމުގެ މަސައްކަތް މާލިއްޔަތު ގަވައިދުގައި، ކުއްލި ހާލަތުގައި ތަކެތި ގަތުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން 50 ވެންޓިލޭޓަރު ގަންނަން އެއް ކުންފުންޏަކާއި ހަވާލުކޮށްފައިވާކަމަށާއި 20 ވެންޓިލޭޓަރު ގެނެސްދެވޭނެ ކަމަށް އެހެން ކުންފުންޏަކުން ބުނެފައިވާތީ އެ ކުންފުނިތަކާ އެކު އެގްރިމެންޓް ހަދާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ފައިސާއެއް އެ ކުންފުނިތަކަށް ދީފައި ނުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ދެ ކުންފުންޏާއި ހަވާލުކޮށްގެން ގެންނަ 70 ވެންޓިލޭޓަރަށް 21 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) މެދުވެރިކޮށް، ބޭރުގެ އެހެން ކުންފުންޏެއް އަތުން 75 ވެންޓިލޭޓަރެއް (ޕޯޓެބަލް 10 ވެންޓިލޭޓަރު، އައިސީޔޫގައި ބަހައްޓާ 65 ވެންޓިލޭޓަރު) ގަތުމަށް އެޑްވާންސް ފައިސާގެ ގޮތުގައި 34 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށެވެ.
ކޮވިޑް 19 ޖެހޭ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް 200 ވެންޓިލޭޓަރު ހޯދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.