އަވަށްޓެރި އިންޑިއާގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 10،000 އަށް އަރަން ކައިރި ވެއްޖެ އެވެ. ކޮވިޑް ބަލި ޖެހުނު މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާގައި މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 9200 އިން މައްޗަށް އަރައިފަ އެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުއް ބުނާ ގޮތުގައި، ފާއިތުވި 24 ގަޑިއިރު އެކަނިވެސް އެގައުމުން ވަނީ ކޮވިޑަށް ޕޮޒިޓިވް 796 މީހަކު ފެނިފަ އެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާގައި މި ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ މަހާރާޝްތުރާ ސްޓޭޓުގަ އެވެ. އެ ސްޓޭޓުން ވަނީ ބަލި ޖެހިފައިވާ 1985 މީހަކު ފެނިފަ އެވެ. ދެން އެންމެ ބޮޑަށް މި ބަލީގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ބަލާ އިރު، ދިއްލީން 1154، ޓަމިލްނާޑޫން 1075، ރާޖަސްތާނުން 772، މަދްޔަޕްރަދޭޝުން 564، ގުޖުރާތުން 516 އަދި ޓެލެންގާނައިން ބަލި ޖެހިފައިވާ 504 މީހަކު ވަނީ ފެނިފަ އެވެ. ދިވެހީން އެންމެ ގިނައިން ގޮސް ތިބޭ ކެރެއްލާ ސްޓޭޓުގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު ވަނީ 400 އަށް އަރަން ކައިރިވެފަ އެވެ.
ކޮވިޑް ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް ވަނީ އަރައިފަ އެވެ. ފަރުވާކޮށްގެން ބަލީން ރަނގަޅުވި މީހުންގެ އަދަދު ހުރީ 850 އިން މަތީގަ އެވެ.
އިންޑިއާ މިވަގުތު ލޮކްޑައުންގައި އޮތް އިރު، އެ ލޮކްޑައުންގެ މުއްދަތު އަންނަ އަންގާރަ ދުވަހު ހަމަވާނެ އެވެ. ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، އެ ގައުމުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ ލޮކްޑައުން މި މަހުގެ ނިޔަލަށް އިތުރުކުރަން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ނިންމަވައިފަ އެވެ.