ދުނިޔެ

އެންޓި މެލޭރިއާ ބޭސް އެކްސްޕޯޓު ކުރުން އެއްކޮށް ހުއްޓާނުލަނީ ފުރާނަތަކެއް ސަލާމަތް ކުރެވޭނެތީ: މޯދީ

މަރިޔަމް ޝަހުދާ

ކޮވިޑް 19 އަށް ފަރުވާ ކުރުމަށް މިހާރު ދުނިޔޭގައި ބޭނުން ކުރަމުން އަންނަ އެންޓި މެލޭރިއާ ބޭހެއް ކަމަށްވާ "ހައިޑްރޮސިކޮލްރޯކުއަނިން" (އެޗްސީކިޔު) އެކްސްޕޯޓު ކުރުން އެއްކޮށް ހުއްޓާނުލަނީ ފުރާނަތަކެއް ސަލާމަތް ކުރެވޭނެތީ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވާ ގޮތުގައި ކަމާ ގުޅޭ އޮފިޝަލުންނާ އެކު މޯދީ ބޭއްވެވި ބައްދަލު ވުމެއްގައި އޮފިޝަލުން ވަނީ އެ ބޭސް އެކްސްޕޯޓު ކުރުން މަނާ ކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް މޯދީ އެކަމަށް އިންކާރު ކުރެއްވި ކަމަށާއި، ކުރިއަށް އޮތްތާގައި އިންޑިއާއަށް މި ބޭސް ބޭނުންވާނެ މިންވަރަށް ސްޓޮކް ބެހެއްޓުމަށްފަހު އިތުރުވާ ސްޓޮކް އެކްސްޕޯޓު ކުރުމަށް ނިންމެވި ކަމަށެވެ.

ހަމަ އެއާއެކު މިއީ އިންޑިއާއަށް މުޅި ދުނިޔެއަށް އެހީތެރިކަން ފޯރުކޮށްދީ މީހުންގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރި ވެދެވޭނެ ވަގުތެއް ކަމަށާއި، މި ފުރުސަތުގައި ފަހަތަށް ޖެހެވެން ނެތް ކަމަށް މޯދީ ވިދާޅުވިކަމަށް ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އިންޑިއާގައި އެޗްސީކިޔު ބޭސް އުފައްދާ ފަރާތްތަކާއި މޯދީ ވަނީ ބައްދަލު ކުރައްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި މޯދީ ވަނީ އެގައުމުން އެޗްސީކިޔު ބޭސް އުފައްދާ ވަރު އިތުރު ކުރެއްވުމަށް މަސައްކަތް ކުރެވުމަށް އިރުޝާދު ދެއްވާފައި ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.

މާކެޓުގައި ދައުރުކުރާ އެޗްސީކިޔު ބޭހުގެ %70 ބޭހަކީ އިންޑިއާގައި އުފައްދާ ބޭހެވެ. ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި އިންޑިއާއަށް 15 މިލިއަން ޓެބްލެޓް ބޭނުންވާއިރު، މިހާރު އިންޑިއާގައި 32.8 މިލިއަން އެޗްސީކިޔު ޓެބްލެޓު އެބަހުއްޓެވެ. އަދި މި އަދަދު ވަރަށް އަވަހަށް 50 މިލިއަނަށް އަރާނެ ކަމަށާއި އެގައުމުގެ ސަރުކާރުން ސްޓޮކްގެ ގޮތުގައި އެގައުމުގައި މި ބޭހުގެ 25 މިލިއަން ޓެބްލެޓު ބަހައްޓާނެ ކަމަށް ބުނެފައިވެއެވެ.

މިބޭސް އެކްސްޕޯޓުކުރަން އިންޑިއާއިން ހުއްދަ ދީފައި ވަނީ ކަނޑައަޅާ މަދު ގައުމުތަކަކަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެ އެވެ.