ދުނިޔެ

ރަމަޟާން މަހު ގޭގޭގައި ތަރާވީހް ނަމާދުކުރުމަށް ސައުދީން ނިންމައިފި

އަލީ ޔާމިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ސައުދީ އަރަބިއްޔާގައިވެސް ފެތުރެމުންދާތީ ކުރިއަށް އޮތް ރަމަޟާން މަހު ސައުދީގައި ތަރާވީހް ނަމާދު ކުރާނީ ގޭގޭގައި ކަމަށް އެގައުމުގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޝައިހް ޑރ. އަބްދުއްލަތީފް ބިން އަބްދުލްއަޒީޒް އާލުއްޝައިހް ވިދާޅުވެއްޖެއެވެ.

އެބޭފުޅާއާއި ހަވާލާދީ ސައުދީގެ ނޫހެއް ކަމުގައިވާ އައްރިޔާޒްގައި ބުނެފައިވާ ގޮތުގައި، މިސްކިތްތަކުގައި ތަރާވީހް ނަމާދު ކުރެވޭނީ ކޮވިޑް 19ގެ ބިރުވެރިކަން ފިލައި ދިއުމަށް ފަހުގައެވެ. އެންމެ ހާއްސަ އިސްކަމެއްދޭނީ އިންސާނުންގެ ސިއްހަތަށް ކަމަށާއި މި ދުވަސްވަރު އެންމެ ރަނގަޅު ގޮތަކީ ގޭގައި ތިބެގެން ނަމާދު ކުރުން ކަމުގައި ޝައިހް އާލުއްޝައިހް ވިދާޅުވެފައި ވެއެވެ.

ކޮވިޑް 19އިން ރައްކާތެރިވުމަށް ސައުދީން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު މިދިޔަ ހުކުރު ދުވަހު އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު 21 ދުވަހުގެ މުއްދަތަށް އެގައުމުގައި އިއުލާނުކޮށްފައިވާ ކާފިއު ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކުރަން އަމުރުކުރައްވާފައެވެ.

ސައުދީގައި މިހާތަނަށް 4462 މީހަކަށް ކޮވިޑް 19 ޖެހިފައިވެއެވެ. އޭގެ ތެރޭގައި ޝާހީ އާއިލާގެ 150 ބޭފުޅުންނާއި އެގައުމުގެ ސަރުކާރުގެ މަތީ ފަޑީގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ކޮވިޑް ބަލީގައި މިހާތަނަށް އެގައުމުން 59 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ސައުދީ ސަރުކާރުންވަނީ މައްކާއާއި މަދީނާގައިވާ މުސްލިމުންގެ ދެ ހަރަމްފުޅުގައިވެސް ޖަމާއަތުގެ ނަމާދު ކުރުން ވަގުތީގޮތުން ހުއްޓާލައި މައްކާގެ ހަރަމްފުޅުގައި އުމްރާކުރުން މެދުކަނޑާލައި އުމުރާގެ ވިސާ ދޫކުރުންވެސް ހުއްޓާލާފައެވެ.

މީގެ އިތުރުން މިއަހަރުގެ ހައްޖުގެ ތައްޔާރީތައް މަޑުޖައްސާލަންވެސް ސައުދީ ސަރުކާރުން ވަނީ އެދިފައެވެ.