ކޮވިޑް 19 އަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އައި، އިނގެރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލީ ރޭގެ ވަގުތެއްގަ އެވެ.
ބޮރިސް ހޮސްޕިޓަލުން ގެޔަށް ދޫކޮށްލުމަށް ފަހު ގޭގައި އިތުރު ފަރުވާ ކުރިޔަށް ގެންދަވާނެ ކަމަށް މީޑިއާގެ ގިނަ ރިޕޯޓުތައް ބުނެ އެވެ. އަދި ބޮރިސް ދޫކޮށް މިލީ ކޮވިޑުން ރަނގަޅުވެގެން ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް، ޓެލެގްރާފުން ބުނެފައިވާ ގޮތުގައި، ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރީން، ބޮރިސް ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމުގެ މައުލޫމާތު އެ ނޫހަށް ވަނީ ލިބިފަ އެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވް ވިކަން ބޮރިސް އިއުލާނުކުރެއްވީ 27 މާޗުގަ އެވެ. އެމަނިކުފާނުގެ ހަށިކޮޅުން ކޮވިޑުގެ އަލާމާތްތައް މާ ގަދަޔަށް ފެންނާތީ، މި މަހު ފަސް ވަނަ ދުވަހު ހޮސްޕިޓަލަށް ބަދަލުކުރި އެވެ. އަދި އެއަށްފަހު މި މަހުގެ ހަވަނަ ދުވަހު އައިސީޔޫއަށް ބަދަލުކުރި އެވެ. އައިސީޔޫއިން ވޯޑަށް އެމަނިކުފާނު ބަދަލުކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އައިސީޔޫގައި އެ މަނިުފާނަށް އޮކްސިޖަން ވެސް ގުޅާފައިވެ އެވެ. އެހެން ނަމަވެސް ވެންޓިލޭޓަރުގައި ފަރުވާ ނުދޭކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފައި ވެއެވެ.
ހޮސްޕިޓަލުން ދޫކޮށްލުމާ ގުޅިގެން، ބޮރިސް ވަނީ ހޮސްޕިޓަލުގެ މުވައްޒަފުންނާއި މެނޭޖްމެންޓަށް އަދި ސިއްހީ ދާއިރާގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ހާލަތު ކޮންމެ ފަދަ ގޮތަކަށް ވެސް ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ކޮވިޑު ފެތުރުނަ ނުދިނުމަށް އިނގެރޭސި ވިލާތުގެ ރައްޔިތުން ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ގޭގައި ތިބުމަށް ބޮރިސް އެދިވަޑައިގެންނެވި އެވެ.