ހޫނު ކަޅުސައި ބުއިމުން ކޮވިޑް 19 އިން ރައްކާތެރިކޮށްދޭ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ކަޅު ސައިން ބައެއް ކަހަލަ ސިއްހީ މަންފާ ލިބޭ ކަމެކެވެ. ނަމަވެސް އޭގެ ސަބަބުން ގައިން ގަޔަށް އަރާ ރޯގާތަކުން ރައްކާތެރި ކޮށްދޭ ކަމަށް ސިއްހީ މާހިރުން ވިދާޅުނުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މީގެ އިތުރުން ހޫނު ކަޅުސައި ބުއިމުން ކޮވިޑް 19ގެ އިތުރުން ސާސް އަދި އިންފުލުއެންޒާއިންވެސް ރައްކާތެރިކޮށްދޭ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މުޅި ދުނިޔެއަށް ކޮވިޑް 19 ހަލުވި ކަމާއެކު ފެތުރިފައިވާ އިރު، އެބަލިން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަން ކަމާބެހޭ އިދާރާތްތަކުން އަންނަނީ އާންމުންނާ ހިއްސާކުރަމުންނެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ކަޅުސައި ބުއިން ފަދަ ކަންކަމުން ކޮވިޑް 19 އިން ރައްކާތެރިކޮށްދޭނެ ކަމަށް ބުނާ ފަދަ އެކި ދޮގު މައުލޫމާތު ފަތުރަމުންނެވެ.
ސަރުކާރުން ވަނީ މީގެ ކުރިންވެސް ކޮވިޑް 19 އާ ގުޅިގެން ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.