ހަމައެކަނި ކޮމަންލޯ ކިޔަވައިގެންތިބި ބޭފުޅުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަކީ އިސްލާމީ ޝަރީޢާ ފުހެލުމަށް ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒު މިފަދައިން ޓުވީޓު ކުރައްވާފައިވަނީ ޤާނޫނީ ވަކީލުންނަށް ހުއްދަ ދޫކުރުމާއި ޤާނޫނީ ވަކީލުންނާއި މެދު ފިޔަވަޅު އެޅުމަށް މިނިވަން މުއައްސަސާއެއް އުފެއްދުމަށް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.
ޑރ. އިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަމައެކަނި ކޮމަންލޯ ކިޔަވައިގެންތިބި ބޭފުޅުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަކީ އިސްލާމީ ޝަރީޢާ ފުހެލުމަށް ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށެވެ.
އަދި އިސްލާމީ ޝަރީއަތާއި ޚިލާފު އެއްވެސް ޤާނޫނަކަށް އަދި ޤަވާއިދަކަށް ބޯލަނބާ ކިޔަމަންވާން ނުޖެހޭނެ ކަމުގައި ޑރ. އިޔާޒު ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.
އިންތި ހުށަހެޅުއްވި ބިލުގައިވާ ގޮތުން ވަކީލު ކަމުގެ ހުއްދަ ދޭނެ ޝަރުތަކުގެ ތެރޭގައި ގާނޫނުގައިވާ ތަމްރީނުތައް ހާސިލްކޮށްފައިވާ މީހުންނަށް ކަމަށް ބުނެފައިވެއެވެ. އަދި ބިލްގައިވާ ގޮތުން ވަކީލު ކަމުގެ ހުއްދަ ދޭން ވަނީ ޝަރީއާ އެންޑް ލޯއިން ޑިޕްލޮމާ ނުވަތަ ފުރަތަމަ ޑިގްރީ ނުވަތަ އެލްއެލްބީ ހާސިލްކޮށްފައިވާ މީހުންނަށެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާތާ، ތިން އަހަރު ދުވަހުގެ ތެރޭގައި އެ ސަނަދުތައް ނެތް މީހުން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރަން ޖެހޭނެ ކަމަށާއި، ނޫންނަމަ އެމީހުންގެ ގާނޫނީ ވަކީލް ކަމުގެ ހުއްދަ ބާތިލްވެގެން ދާނެ ކަމަށް ބިލްގައިވެ އެވެ.