މިންހާ ފާއިޒް ރަޝާދު
ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ފެތުރިގެންދާނެ ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅިތާ އިއްޔެއަށް ވަނީ އެއްމަސްވެފައެވެ. ޕެންޑެމިކް ނުވަތަ ވަބާއެއްގެ ގޮތުގައި އިއުލާނުކުރަނީ އެބައްޔަކީ މުޅި ދުނިޔެއަށް ފެތުރިގެން ދާނެ ކަމަށް ގަބޫލުުރެވޭ އަދި ސިއްހީ ބޮޑު ނުރައްކަލަކަށް ވެގެން ދާނެ ކަމެއްގެ ގޮތުގައި ބެލެވުނީމަ އެވެ.
ކޮވިޑަކީ ވަބާއެއް ކަމަށް ކަނޑައެޅިފަހުން ފާއިތުވި 30 ވަރަކަށް ދުވަސް ތެރޭ މުޅި ދުނިޔޭގެ މަންޒަރު މި ވަނީ ބަދަލުވެގެން ގޮސްފަ އެވެ. ދުނިޔޭގެ ގަދަ ބާރުތައް ކުޑަ ކަކޫމައްޗަށް ތިރި ކުރުވި ކުޑަ ކުޑަ ވައިރަސް މި ވަނީ ދިރިތިބި ހުރިހާ އިންސާނުންގެ ނޭވާ ހާސްކޮށް، މުޅި ދުނިޔޭގައި ތަޅު އަޅުވައިފަ އެވެ.
ޗައިނާގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރުމަހު ފެނުނު މިބަލީގައި މިހާތަނަށް އެއްލައްކަ ދިހަ ހާހާއި ގާތަށް މީހުން މަރުވެ 1.7 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ތިންލައްކަ އަށްޑިހަހާހަށްވުރެ ގިނަ މީހުން ބަލިން ފަސޭހަވެފައިވާއިރު، އަދިވެސް މި ބައްޔަށް އެއްވެސް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ވެކްސިނެއްވެސް ނެތެވެ.
ކޮވިޑް 19 އަކީ ވަބާއެއް ކަމަށް ކަނޑައެޅި ފަހުން މިދިޔަ 30 ދުވަހަށް ބަލާއިރު ބައްޔާއި ގުޅޭ މުހިންމު ކަންތައްތަކެއް ފާހަގަކުރެވެ އެވެ.
މާޗް 11 ގައި ޑަބްލިއުއެޗްއޯ އިން ކޮވިޑް19 އަކީ ވަބާއެއްގެ ގޮތުގައި ކަނޑައެޅި އިރު މި ބަލީގައި މަރުވި މީހުންގެ އަދަދަކީ 4300 ނަމަވެސް އެންމެ 30 ދުވަސް ތެރޭ އެ އަދަދު މި ވަނީ ލައްކައަކުން މައްޗަށް އަރައިފަ އެވެ. އަދި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 118000 އިން 1.7 މިލިއަނަށް ވަނީ އަރައިފިއެވެ.
ކޮވިޑް19 އެންމެ ފުރަތަމަ ފެތުރެން ފެށި ގައުމު، ޗައިނާއިން ބަލި ކޮންޓްރޯލު ކޮށްފައިވާއިރު، ޖެނުއަރީން ފެށިގެން އެގައުމުގައި ބައްޔަށް ޕޮޒިޓިވް ވާ ނިސްބަތްވެސް އައީ ދަށްވަމުންނެވެ.
23 ޖެނުއަރީން ފެށިގެން ޗައިނާގެ ބޮޑެތި ސިޓީތައް ލޮކްޑައުންގައި އޮތްނަމަވެސް މިހާރު މިވަނީ އެ ސިޓީތައްވެސް ހުޅުވާލައިފައެވެ. ބަލި އެންމެ ބޮޑަށް ފެތުރުނު ވުހާން ސިޓީގެ ރޭލުތަކާއި މަގުތައްވެސް ހުޅުވާލާފައިވާއިރު އޮފީސްތަކާއި ފެކްޓަރީތައްވެސް ވަނީ ހުޅުވާލާފައެވެ.
އަޅައިނުލެވިއްޖެ ނަމަ ޗައިނާގައި ދެވަނަ ފަހަރަށް ކޮވިޑް 19 ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެގައުމުގެ ރައީސް ޝީ ޖިންޕިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ލޮކްޑައުން އުވާލާފައިވީ ނަމަވެސް ރައީސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް އަންގަވައިފައެވެ.
ޗައިނާގެ ނޫސްތަކުން ބުނާގޮތުގައި މިހާރު ކޮވިޑް 19ގެ ބަލިމީހުންގެ ގޮތުގައި އެގައުމުން ގިނައިން ފެންނަނީ ބޭރުން އެގައުމަށް ދަތުރު ކުރާ މީހުންނެވެ.
ކޮވިޑް19 އެންމެ ބޮޑަށް ފެތުރުނު ގައުމަކަށް ޗައިނާވެފައި އޮތްއޮތުން ފަހުން ބަދަލުވީ ޔޫރަޕަށެވެ. އެގޮތުން ސްޕެއިން، އިޓަލީ، ފްރާންސް އަދި ޖަރުމަނުގައި އަތްނުފޯރާފަށަށް ކުއްލިއަކަށް ބަލި ފެތުރިގެން ގޮސް އެތައް ހާސް މީހުނެއް ވަނީ މަރުވެފައެވެ.
މި ހަތަރު ގައުމުގައިވެސް މަރުވެފައިވާ މީހުންގެ ނިސްބަތް ޗައިނާއަށް ވުރެ ވަނީ މަތިވެފައެވެ. އޭގެ ތެރެއިންވެސް ސްޕެއިން، އިޓަލީ އަދި ފްރާންސްގައި މަރުވި މީހުން މުޅި އޭޝިއާގެ ހުރިހާ ގައުމެއްގައި ކޮވިޑް19އިން މަރުވި މީހުނަށްވުރެ ގިނައެވެ.
ދުނިޔޭގެ އެންމެ ބޮޑު ބާރު އެމެރިކާއަށް ދިމާވީ މާ ދެރަގޮތެކެވެ. ފަސްލައްކައަށް ވުރެ ގިނަ މީހުން އެމެރިކާގައި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެންމެ ގިނަ މީހުން މަރުވި ގައުމަކަށްވެސް މިހާރު ވެފައި ވަނީ އެމެރިކާ އެވެ.
އެހެން ދިމާވީ ކޮވިޑް19 އާއި ގުޅިގެން އެމެރިކާއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމުންނާއި ތައްޔާރުވެސް ނުވުމުންނެވެ. ޑަބްލިއުއެޗްއޯއިންވެސް އަންނަނީ އެގައުމުގައި ބައްޔާމެދު އަމަލު ކުރަމުންދާ ގޮތާމެދު ނުރުހުން ފާޅުކޮށްފައެވެ.
ކޮވިޑް19 ގިނަ ގައުމުތަކަކަށް ފެތުރިފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލޮކްޑައުނާއި، ކާފިއު އަދި ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. މިއީ ބަލި ފެތުރުން ކޮންޓްރޯލު ކުުރުމަށް ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކެކެވެ.
1.3 ބިލިއަން މީހުނާއެކު މާޗް 27ގައި އިއުލާނު ކުރި ލޮކްޑައުނުގައި އިންޑިއާ މިހާރުވެސް އޮތްއިރު ސައުތު އެފްރިކާގެ 57 މިލިއަން މީހުނަށްވެސް ވަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ގޭގައި ތިބުމަށް އަންގާފައެވެ. އަވަށްޓެރި ސްރީލަންކާގެ ބޮޑެތި ސިޓީތަކުގައި ކާފިއު އިއުލާނުކޮށްފައިވާއިރު ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލު ހާލަތު އިއުލާނުކޮށް ބޯޑަރުބަންދުކޮށްފައެވެ. އަދި ރާއްޖެއަށް އެތެރެވާ ހުރިހާ މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ޓެސްޓު ހަދައި ނެގަޓިވް ވީމަ ނޫނީ ދޫކޮށެއް ނުލައެވެ.
ޕިލިޕިންސްގައި 57 މިލިއަން މީހުނާއެކު އެއްމަހުގެ ލޮކްޑައުނެއް އިއުލާނުކޮށްފައިވާއިރު އެގައުމުގެ 16 ސިޓީގެ އެތެރޭގެ އުދުހުންތައްވެސް ވަނީ ހުއްޓާލާފައެވެ.
އެމެރިކާ އަދި ޖަޕާނުގައި ބަލި ފެތުރިގެން ދިޔުމާއެކު ކޮންޓްރޯލު ކުރުމަށް ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ.
ތުރުކީ، ސައުދީ އަދި ޓިޔުނީޝިއާ ވެސް ލޮކްޑައުންކޮށްފައިވާއިރު ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޖޯޑަންގައިވެސް ވަނީ ކާފިއު އިއުލާނުކޮށްފައެވެ.
މީގެ އިތުރުންވެސް އެކި ގައުމުތަކުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކޮވިޑް19އާއި ގުޅިގެން ކުރާ މަސައްކަތްތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އެގޮތުުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެގައުމުން ޑަބްލިއުއެޗްއޯއަށް ދެމުން އަންނަ މާލީ އެހީތެރިކަން ހުއްޓާލާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ. ރައީސް ޓްރަމްޕްގެ ތުހުމަތަކީ ޑަބްލިއުއެޗްއޯއިން ޗައިނާ ކޮޅަށް މާބޮޑަށް ވާހަކަދައްކަތީ އެއްކޮޅަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ކުރައްވާ ތުހުމަތެވެ.
ޓްރަމްޕް ޑަބްލިއުއެޗްއޯއަށް ކުރެއްވި ތުހުމަތުތައް އެޖަމިއްޔާއިން ވަނީ ދޮގުކޮށްފައެވެ. އަދި "ޗައިނާ-ސެންޓްރިކް" ނުވާކަމަށް ބުނެ އެޖަމިއްޔާއިން ވަނީ މި ވަބާ ސިޔާސީ ނުކުރުމަށް އެދިފައެވެ.
އެމެރިކާގެ އިތުރުން ޓައިވާނުންވެސް ވަނީ ޑަބްލިއުއެޗްއޯއަށް ތުހުމަތު ތަކެއް އަމާޒުކޮށްފައެވެ. އެގައުމުން ބުނާގޮތުގައި ޓައިވާނުން ހުށަހެޅި މެމްބާޝިފް ޑަބްލިޔުއެޗްއޯއިން ގަބޫލު ނުކުރީ ޗައިނާ އެކަމަށް ނުރުހޭތީއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ބޭނުންވާ މުހިންމު މައުލޫމާތު ނުލިބި ޓައިވާނުގެ އެތައް ބަޔެއްގެ ފުރާނަ ވަނީ ބިރެއްގެ ތެރޭގައި އެކަމަށް އެގައުމުން ބުނެއެވެ. މިތުހުމަތުވެސް ޑަބްލިއުއެޗްއޯއިން ވަނީ ދޮގުކޮށްފައެވެ.
ކޮވިޑް19 އިން ދުނިޔެ ސަލާމަތް ކުރުމަށާއި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެކި ގައުމުތަކުން އަނެއް ގައުމަށް ވަމުން އަންނަ އެހީތަކަކީވެސް މިދަނޑިވަޅުގައި ދައްކައިލަން އުފާވެރި ވާހަކަތަކެކެވެ.
ކޮވިޑު 19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް، އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ބަލި މީހުންނާ އެންމެ ކައިރީން ހިދުމްތަކުރުމުގައި ސިއްހީ ދާއިރާގެ ހިދުމަތްތެރީން ތިބިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަަކަށްވަނީ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ އެހެން ހިދުމަތްތެރިންގެ އަގު ވަޒަން ކުރަން ދަސްވެފައެވެ. ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކޮށް ރަނގަޅު ފިޔަވަޅުތަކެއް އެޅުމާއި، ދާއިރާގައި މަސައްކަތް ކުރާ މީހުންނަށާއި ދާއިރާއަށް އިންވެސްޓްކުރާން ޖެހިފައިވާ މިންވަރާ ގާތަށް ވެސް އެކަން ކުރެވިފައި ނުވާކަން މުޅި ދުނިޔެއަށް ވަނީ ގަބޫލުކުރެވިފަ އެވެ.
މި ބަލި ޖެހިފައިވާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި، އެތައް ޑޮކްޓަރުންނަކާއި ނަރުހުންނާއި ސިއްހީ އެހެން ހިދުމަތްތެރީން ވަނީ މަރު ވެފަ އެވެ. ސިއްހީ ހިދުމަތްތެރީންގެ ތެރެއިން އެތައް ބަޔަކު މިހާލަތުގައި ދިރިއުޅެން މަޖުބޫރުވެފައި ވަނީ އާއިލާއާވެސް ވަކީންނެވެ. އެހެން އެކަންކުރަން މަޖުބޫރު ވެފައި ވަނީ ކޮންމެ ދުވަހަކު ކޮވިޑު ބަލި މީހުންނަށް އެންމެ ގާތުން ފަރުވާ ދިނުމުގައި އުޅެން ޖެހޭތީ، އެނބުރި ގެޔަށް ގޮސް އަނބިދަރީންގެ ތެރޭގައި އުޅުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ނުވާތީ އެވެ. ސިއްހީ ހިދުމަތްތެރީންނަށް ބޭނުންވާ ރައްކާތެރިކަމުގެ ވަސީލަތްތައް ފުރިހަމަ ގޮތުގައި ބައެއް ގައުމުތަކުގައި ފޯރުކޮށްދެވިފައި ނެތުމަކީ ވެސް އެ ހިދުމަތްތެރީން އިތުރު ނުރައްކަލަށް ހުށަހެޅެން ދިމާވި އެއް ސަބަބެވެ.
އެކިގައުމު ތަކުގައި މި ބައްޔަށް ޝިފާއެއް ހޯދުމަށް ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ވެކްސިންތަކެއްގެ ޓެސްޓުތަކެއްވެސް އަންނަނީ ކުރެވެމުންނެވެ. މި ބައްޔަކީ އާބައްޔެއްކަމުން އަދިވެސް ދިރާސާތައް ދަނީ ކުރިއަށެވެ. ހަމަ މިއާއި އެކު މި ބަލި ރަނގަޅު ކުރެވޭނެ ފަދަ ބޭހެއްގެ ތަހުލީލުތައް ވެސް އަންނަނީ ކުރަމުންނެވެ. އެކި ބޭހުން މި ބައްޔަށް އެކި މިންވަރަށް އަސަރުކުރާކަން މިހާތަނަށް އައި އިރު މި ވަނީ ފާހަގަވެފަ އެވެ. އެކި ގައުމުތަކުގައި އެކި ބޭސް އަންނަނީ ބޭނުންކުރަމުންނެވެ. ދިފާއީ ނިޒާމު ވަރުގަދަ މީހުންނަށް މި ބަލި ޖެހި އަމިއްލައަށް ރަނގަޅުވާ ކަމަށް ވެސް ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ހަމަ މިއާއި އެކު، ބަލިން ރަނގަޅުވި މީހުންގެ ލޭ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ހަށިގަނޑަށް އެޅުމުން ވެސް ރަނގަޅުވާ ކަމަށް ބައެއް ދިރާސާތަކުން ފާހަގަވެފަ އެވެ. އެހެން ނަމަވެސް މިއިން ކޮންމެ ކަމަކީ ވެސް ބަލި ޖެހުމުން ކުރެވޭ ކަންކަން ކަމަށް ވާތީ އާއި މި ބަލި ޖެހި އަލާމާތް ނުފެނި ހުރެފައި ކުއްލި އަކަށް ހާލު ބޮޑުވާގޮތް ވެސް ކުރިމަތިވާތީ، މީގެ ދާއިމީ ހައްލަކީ ވެކްސިނެއް ލިބުން ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.
މިއީ ވަބާއެކެވެ. މިއިން ރައްކާތެރި ވެވޭވީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެނެވެ. ސިއްހަތަށް ބެލުމާއި އަތް ރަނގަޅަށް ދޮވެ ސާފު ކުރުމާއި އިޖުތިމާއީ ގައިދުރުކަން ބޭއްވުމާއި ގޭގައި ވީހާވެސް ގިނައިން މަޑުކުރުމަކީ ސިއްހީ މާހިރުން އަބަދުމެ ކުރަމުން އަންނަ އިލްތިމާސެވެ. އަޅުގަނޑުމެން އެންމެންގެ ވެސް ރައްކާތެރިކަން އޮތީ ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ކަންކަން ކޮށްގެންނެވެ.