ކުރިއަށް އޮތް ރަމަޟާން މަހުގެ އިނާޔަތް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން މުވައްޒިފުންނަށް ދޭން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
އެގޮތަށް އަންގާފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވާ މިރޭ ނެރުއްވި ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭނެއެވެ. އަދި މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު، ހަމައެކަނި އެމުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތް ނުދިނުމަށް ވަނީ އަންގައިފައެވެ.
އޭގެ އިތުރުން އިނާޔަތުގެ ފައިސާދީފައިވާ މުވައްޒަފަކު، ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ވަޒީފާއިން ވަކި ވެއްޖެނަމަ، ވަކިވި ދުވަހާއި ހަމައަށްވާ ފައިސާ އެމުވައްޒަފެއް އަތުން ހޯދައި އެފައިސާ ޖަމާކުރަން ވަނީ އަންގައިފައެވެ.
ރަމަޟާން މަހުގެ ތެރޭގައި އަލަށް ވަޒީފާއަށް ވަންނަ މީހުންނަށް ރޯދަ މަހުގެ އެލަވެންސް ދޭން އަންގާފައިވަނީ އެމީހަކު ވަޒީފާ އަދާ ކުރަންފަށާ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައެވެ. އަދި މިގޮތަށް ފައިސާ ދިނުމުގައި ދުވާލަކަށްޖެހޭ ފައިސާ ބަލާނީ 30 ހުން ގެއްލައިގެން ކަމަށް ވެސް އެމިނިސްޓްރީން ވަނީ އަންގައިފައެވެ.
އޭގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި ވަޒީފާއިން ވަކިވުމަށް ހަމަޖެހިފައިވާ މީހުންނަށް އިނާޔަތް ދޭނީ ރަމަޟާން މަހުގައި އެމީހަކު މަސައްކަތްކުރި ދުވަހަށް ކަމަށް ބުނެފައިވެއެވެ.