ކުއްލި ޚަބަރު

ދަނޑުވެރިކަން ކުރަން ކުއްޔަކާ ނުލައި ތިން އަހަަރަށް ބިން ދޫކުރަނީ

ކުއްޔަކާ ނުލައި ތިން އަހަރުގެ މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަން ނިންމާފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަހާ ވިދާޅުވީ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް މިސަރުކާރުން ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެއްވެސް ކުއްޔަކާ ނުލާ، ތިން އަހަރުގެ މުއްދަތަށް ދަނޑުވެރިކަން ކުރަން ބިން ދޫކުރަން ނިންމާފައިވާ ކަމަށެވެ.

"ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ބިން ބޮޑު ރަށްރަށުން ދަނޑުވެރިކަން ކުރުމަށް ބިންތައް ކަނޑައަޅައި ކައުންސިލްތައް މެދުވެރިކޮށް އެއްވެސް ކުއްޔަކާއި ނުލައި ތިން އަހަރުގެ މުއްދަތަށް ދޫކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ ބިން ކުއްޔަށް ދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ކައުންސިލްތަކާ އެކީގައި މަސައްކަތްކުރާއިރު އެކުލަވާލައި އުސޫލަކާ އެއްގޮތަށް ރަށްރަށުގެ ބިންތައް ދޫކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީއާއެކު ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދަނޑުވެރިކަން ކުރަން ޝައުގުވެރިވާ މީހުން، ވަކި ބާވަތެއް ހެއްދުމަށް ބޭނުންވާކަން ކައުންސިލަށް ހުށަހަޅައި އެކަމުގެ އެގްރިމަންޓެއް ހަދަންޖެހޭނެ ކަމަށެވެ. އަދި ސަކާރުން ބޭނުންވަނީ ނަތީޖާ ހާސިލުވާނެ ގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދަންކަން ފާހަގަކުރެއްވިއެވެ.