ކުއްލި ޚަބަރު

ރައްޔިތުން ބަނޑަކަށް ނުޖެހޭނެ، ސަރުކާރުން އެކަން ކަށަވަރު ކުރާނެ: މިނިސްޓަރު ފައްޔާޒު

ރައްޔިތުން ބަނޑަކަށް ނުޖެހޭނެ ކަމަށާއި ސަރުކާރުން އެކަން ކަށަވަރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބަނޑަށް ޖެހޭނެ ހާލަތަކަށް އަދި ދާނެ ކަމަކަށް ނުބެލެވޭ ކަމަށާއި ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި ކުރިއަށް އޮތް އަހަރަށްވާ ވަރަށް ސަޕްލައިކުރަމުންދާނެ ކަމަށެވެ.

ނަމަވެސް އެވާހަކަ ތަކުރާރުކޮށް ސަރުކާރުން ބުނަމުންދިޔައިރުވެސް ތަކެތި ގަނޑުކޮށް ގަނެ ރައްކާކޮށްފައިވާ ކަމަށާއި އެގޮތުން ދެމީހުން އުޅޭ ގެއަކަށް 10 ބަސްތާ ހަނޑޫ ވައްދާފައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކާޑަށް، އަސާސީ ކާބޯތަކެއްޗަކަށް ޖެހުނަކަ ނުދޭނަމޭ. ނަމަވެސް ސްޓްރޯބަރީ ނުހުރެދާނެ. އެއީ އަޅުގަނޑު ބަލާނެ ވެސް އެއްޗެއް ނޫން. އަޅުގަނޑުމެން މިބަލަނީ އެންމެ އަސާސީކޮށް ކައިގެން ބޮއެގެން ތިބެވޭނެ ވަރުގެ ގެރެންޓީ ކުރުން. ދައުލަތުން އެކަން ގެރެންޓީ ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަލާކުވެގެން ގޮސް ކާނެ އަދި ބޯނެ އެއްޗެއް ނެތިއްޖެ ހާލަތަކަށް ރާއްޖެ ގޮސްފިނަމަ ވެސް ދައުލަތުން ކާންބޯން ދޭނެ ގޮތްގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.