ކޮވިޑް 19އާ ގުޅިގެން ވަޒީފާއިން ވަކިކުރާ މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވާ ހާއްސަ އެލަވެންސެއް މިމަހުގެ ތެރޭގައި ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ވަޒީފާއިން ވަކިކުރާ މީހުންނަށް ހާއްސަ އެލަވެންސެއް ދޭން ސަރުކާރުން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއުލާން ކުރެއްވީ މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، އެ އެލަވެންސް ލިބޭނީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ވިދާޅުވީ ދޭނެ އެލަވެންސްގެ އަދަދެއް މިދިޔަ ހަފްތާގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ވަޒީފާއިން ވަކިކުރާ މީހުންނާއި މުސާރަ ދަށްކުރާ މީހުންނަށް ދޭނެ އެލަވެންސްގެ އަދަދެއް ކަނޑައެޅުމުގެ މަޝްވަރާތައް ފިނޭންސް މިނިސްޓްރީއާއެކު ކުރަމުންދާ ކަމަށާއި ނަމަވެސް އެ އަދަދު އަދި ކަނޑައެޅިފައިނުވާ ކަމަށެވެ.
"އަަދަދު ސީދާ ކަނޑައެއް ނާޅަން. އެހެންނަމަވެސް މަސައްކަތް މިކުރަނީ މި އޭޕްރިލް މަހުގެ އެލަވެންސް އޭޕްރިލް މަސްތެރޭގައި ދެވޭނެ ގޮތަކަށް. ވަރަށް އަވަހަށް އަދަދު ކަނޑައަޅާނަން. މިންގަނޑަކަށް މިބަލަނީ މި ދޭތެރެއިން މިވާހަކަ ދެކެވުނު، މިސާލަކަށް މިނިމަމް ވޭޖުގައި ދެކެވުނު ވާހަކަތަކާ، އެ މިންގަނޑުތަކަށް ބަލައިގެން ނަމަވެސް އެ އަދަދެކޭ ނޫން މި ދަންނަވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް އެލަވެންސެއް ދޭއިރު އެލަވެންސް ދޭ ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރުމަށް ބާރުއަޅާނެ ކަމަށެވެ. އަދި ބައެއް ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެދޭނެ ކަމަށާއި ނަމަވެސް އެކަން މަޖުބޫރުކުރުވަން ބޭނުންނުވާ ކަމަށެވެ.