ކުއްލި ޚަބަރު

މިހާރު މިދޫކުރަނީ ރިލީފް ޕެކޭޖެއް، ސްޓިމިއުލަސް ޕެކޭޖެއް ދޭން ފައިސާ ހޯދަން އެބަ މަސައްކަތް ކުރަން: ފައްޔާޒު

ކޮވިޑް 19އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން މިހާރު އިއުލާން ކޮށްފައިވަނީ ރިލީފް ޕެކޭޖެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އިއުލާންކުރީ އިކޮނޮމިކް ރިލީފު ފަންޑެއް ކަމަށާއި އެއީ ކުރިއަށް އޮތް ތިން މަސް ދުވަހު ކޮންމެ ވެސް ހަރުފަތެއްގައި ދިރިހުރުމަށް ސަރުކާރުންދޭ އެހީތެރިކަމެއް ކަމަށެވެ.

"ފުރަތަމައިނުން ރިލީފް ވަންޑު އިއުލާން ކުރިއިރުގައި ކޮންމެވެސް ވަރަކަށް ސްޓިމިއުލަސްއޭ ކިޔުނު އެކިއެކި ގޮތްގޮތުން. އެއީ ހަގީގަތުގައި އިމީޑިއެޓް އެހީތެރިކަމަކަށް އަޅުގަނޑުމެން މަސައްކަތް މިކުރީ..." މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އިގްތިސާދަށް ފައިސާ ހޯދުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގައި އެމްއެމްއޭގެ މަޝްވަރާތައް ވެސް ހޯދަމުން އަންނަ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިވުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ރިލީފް ޕެކޭޖުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު މިދިިޔަ ބުދަ ދުވަހުން ފެށިގެން ވަނީ ހުޅުވާލައިފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުން ރިލީފް ޕެކޭޖުގެ ދަށުން ދޫކުރާ ލޯނުތަކަކީ ހަ ޕަސެންޓް އިންޓަރެސްޓުގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑާކާއެކުގައި ދޫކުރެވޭ ލޯނުތަކެކެވެ. ނަމަވެސް މި މުއްދަތުގައި އިންޓްރަސްޓް އަދި ޕްރިންސިޕަލް ވެސް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ރިލީފް ޕެކޭޖުގެ ދަށުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ދިހަ މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބިފައިވާ ޓޫރިސްޓު ރިސޯޓު ނޫން އެހެން ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް މެދުވެރިކޮށެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ދިހަ މިލިއަން ރުފިޔާއަށް ވުރެ މަދުން ލިބިފައިވާ ޓޫރިސްޓު ރިސޯޓު ނޫން އެހެން ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެސްޑީއެފްސީންނެވެ.