ކުއްލި ޚަބަރު

ކައުންސިލްތަކާ ގުޅިގެން 44 ރަށެއްގައި ގައުމީ ފެންވަރުގައި ދަނޑުވެރިކަން ކުރަން ފަށަނީ

ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ރާއްޖޭގެ 44 ރަށެއްގައި ގައުމީ ފެންވަރުގައި ދަނޑުވެރިކަން ކުރަން ފަށަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދަނޑުވެރިކަން ކުރިއަރުވައި އެ ސިނާއަތުން ނަފާ އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއާއެކު އިކޮނޮމިކް މިނިސްޓްރީން ވޭތުވެދިޔަ ހަސް މަސް ދުވަހު މަސައްކަތް ކުރަމުން ގޮސްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި އެބާވަތްތަކެއް އުފައްދައިގެން މިހާރު ރާއްޖެއަށް އެތަކެތި އިމްޕޯޓްކުރާ އަދަދު ކުޑަ ކުރެވިދާނެ 17 ބާވަތެއް ދެނެގަނެ، އެ ބާވަތްތައް ހައްދާނެ 44 ރަށެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެ ރަށްތައް ކަނޑައެޅީ އާންމު ގޮތެއްގައި ވެސް ދަނޑުވެރިކަމުގެ އިގްތިސާދެއް އޮންނަ ރަށްތައް ބަލައިގެން ކަމަށާއި ނަމަވެސް ދަނޑުވެރިކަން ކުރަން ބޭނުންވެގެން އިތުރު ރަށްރަށުން އެކަމަށް އެދޭ ކަމަށްވާނަމަ އެ ފުރުސަތު ހޯދޭނެ ގޮތްތައް ބަލާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ކަނޑައެޅި 17 ބާވަތް ހައްދަން ކަނޑައެޅި ރަށްރަށަށް އެތަކެތި އުފެއްދުމަށް ވަކި ކޯޓާތަކެއް ކަނޑައަޅާނެ ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އެރަށެއްގެ ދަނޑުވެރިންނާއެކު ކޮންޓްރެކްޓު ފާމިން ހަދާނެ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން އެގްރިކަލްޗާ މިނިސްޓްރީގެ މިންގަނޑާ އެއްގޮތަށް އުފައްދާ ތަކެތި ވަކި އަގުތަކެއްގައި ސަރުކާރުން ގަންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދަނޑުވެރިން ހައްދާ ތަކެތި އެމީހުންގެ އަތުން ނަގައިގެން ސަރަހައްދީ ސެންޓަރުތަކަށް ގެންގޮސް އެހެން ސަރަހައްދުތަކަށާއި ރިސޯޓްތަކަށް ގެންދާނީ ސަރުކާރުންނެވެ.