ރާއްޖޭގައި 17 ބާވަތެއް ހައްދައިގެން އެބާވަތްތަކުގެ އިމްޕޯޓްސް 50 ޕަސެންޓަށް ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި އިގްތިސާދު ފުޅާކުރުމަށް ދަނޑުވެރިކަން ކުރިއަރުވައި އެ ސިނާއަތުން ނަފާ އިތުރު ކުރުން ހިމަނާފައިވާނެ ކަމަށެވެ.
އެ މަސައްކަތް ފަށަން ކުރިން ނިންމާފައި އޮތީ މިއަހަރު ފަހުކޮޅު ނަމަވެސް ކޮވިޑް 19 އާ ގުޅިގެން އިތުރު މުހިންމުކަމެއް ދީގެން އެ ޕްރޮގްރާމް އަވަސް ކުރުމަށް ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއާއެކު އިކޮނޮމިކް މިނިސްޓްރީން ވޭތުވެދިޔަ ހަސް މަސް ދުވަހު މަސައްކަތް ކުރަމުން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، އެ މަސައްކަތުގެ ދަށުން ރާއްޖޭގައި އެބާވަތްތަކެއް އުފައްދައިގެން މިހާރު ރާއްޖެއަށް އެތަކެތި އިމްޕޯޓްކުރާ އަދަދު ކުޑަ ކުރެވިދާނެ 17 ބާވަތެއް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ބާވައްތައް ހައްދަން ނިންމާފައިވަނީ އާންމު ގޮތެއްގައި ވެސް ދަނޑުވެރިކަމުގެ އިގްތިސާދެއް އޮންނަ 44 ރަށެއްގައި ކަމަށް ވިދާޅުވިއެވެ.
"މިހާރު ވަނީ 17 ބާވަތެއް ދެނެގަނެ، އެއީ ރާއްޖޭގައި އެބާވަތްތައް އުފައްދައިގެން މިހާރު ރާއްޖެއަށް އިމްޕޯޓްކުރާ އެ އަދަދުތައް ކާމިޔާބުކަމާއެކު ކުޑަ ކުރެވިދާނެ ބާވަތްތަކެއް. އަޅުގަނޑުމެން އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ބާވަތްތައް މިހާރު ރާއްޖެއަށް އިމްޕޯޓްކުރާ އަދަދުގެ 50 ޕަސެންޓާ ހިސާބަށް ރާއްޖޭގައި އެ އުފެއްދުންތެރިކަން އިތުރުކުރުން. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު އިތުރުކުރުން،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ކަނޑައެޅި 17 ބާވަތް ހައްދަން ކަނޑައެޅި ރަށްރަށަށް އެތަކެތި އުފެއްދުމަށް ވަކި ކޯޓާތަކެއް ކަނޑައަޅާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ދަނޑުވެރިންނަށް ތަމްރީނާއި ގަސް ކާނާ އާއި އޮށް ފޯރުކޮށްދޭނެ ކަމަށާއި އަދި އާ ޓެކްނޮލޮޖީތައް ތައާރަފްކުރުމަށް އެ ސަމާނާއި ފައިސާގެ ލޯނު ހަމަޖައްސައިދެވޭނެ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އެރަށެއްގެ ދަނޑުވެރިންނާއެކު ކޮންޓްރެކްޓު ފާމިން ހަދާނެ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެގްރިކަލްޗާ މިނިސްޓްރީގެ މިންގަނޑާ އެއްގޮތަށް އުފައްދާ ތަކެތި ވަކި އަގުތަކެއްގައި ސަރުކާރުން ގަނެ، އެތަކެތި އެރަށަކުން ނަގައިގެން ސަރަހައްދީ ސެންޓަރުތަކަށް ގެންގޮސް އެހެން ސަރަހައްދުތަކަށާއި ރިސޯޓްތަކަށް ގެންދާނީ ސަރުކާރުން ކަމަށް ވިދާޅުވިއެވެ.
"ދުރުރާސްތާގައި އަޅުގަނޑުމެން ބޭނުންވަނީ އިމްޕޯޓް އެ ޕްރޮޑަކްޓްތަކުގެ އިމްޕޯޓް ވަރަށް ބޮޑުތަނުން ދަށްކުރުން. އަދި ކޮންމެވެސް ވަރަކަށް ބައެއް ކަހަލަ، ތަކެތި އެބަހުރި ގަބޫލުކުރާ ގޮތުގައި ރާއްޖޭން ބޭރަށް އެކްސްޕޯޓްކުރުމުގެ ފުރުސަތު އޮތް. އެވެސް އަޅުގަނޑުމެން ބަލާނަން،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތް ފަށައިގަނެ، ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ގޮވާންކޮށް ދަނޑުވެރިން ހައްދާ ތަކެތި ގަންނަން ފެށޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި 17 ބާވަތުގެ ލިސްޓަށް އިތުރު ބާވައްތައް އިތުރުކޮށް، އަދި ދަނޑުވެރިކަން ކުރަން ބޭނުންވެގެން އިތުރު ރަށްރަށުން އެކަމަށް އެދޭ ކަމަށްވާނަމަ އެ ފުރުސަތު ހޯދޭނެ ގޮތްތައް ބަލާނެ ކަމަށް ވިދާޅުވިއެވެ.
"މިކަމުގެ މައިގަނޑު މަގްސަދަކީ ތިން ކަމެއް. ފުރަތަމަ ކަމަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ މިހާރަށްވުރެ ވަރުގަދަ ކުރުން. ދެވަނަ ކަމަކީ ބައިވަރު އާންމު ރައްޔިތުންނަކަށް އޭގެން ފައިދާވުން. މިދެންނެވީ ދަނޑުވެރިންތަކެއް އުފެދި، މިހާރު ތިބި ދަނޑުވެރިންނަށް ވެސް ޔަގީންކަމާއެކު މިވިޔަފާރިކުރުމުގެ ހިތްވަރު ދިނުން. އެ ގަންނާނެކަމުގެ ޔަގީންކަން ދިނުނ.ް އަދި އެކިއެކި ގޮތްގޮތުން ދަނޑުވެރިންނަށް ދިމާވާ ކަމެއް ދަނޑުތައް ހަލާކުވުން. އެކަންކަމުން އަރައިގަތުމަށް އެހީތެރިވުން. މިއީ އިގްތިސާދު ތެރޭގައި އާންމުންގެ ތެރޭގައި ފައިސާ ދައުރުވާނެ ގޮތެއް. ތިން ވަނަކަމަކީ ފޮރިން އެކްސްޗޭންޖު ހިފެހެއްޓޭނެ އިތުރު މަގެއް ކަމަށް. ގިނަ ކާބޯތަކެތި ރާއްޖޭން ބޭރުން އިމްޕޯޓްކުރާއިރު ޑޮލަރު ހޯދަންޖެހޭ ޖެހުމަށް ވެސް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.