ކުއްލި ޚަބަރު

ކަރަންޓީނުން 19 މީހަކު މިއަދު ދޫކޮށްލި، 82 މީހަކު ދޫކޮށްލުމަށް ވަނީ ސާމްޕަލް ނަގާފައި: ޑރ. މުރާދު

ކަރަންޓީން ފެސިލިޓީތަކުގައި ތިބި 19 މީހަކު މިއަދު ދޫކޮށްލާފައިވާ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން 19 މީހުން މިއަދު ދޫކޮށްލާފައިވާއިރު ދޫކޮށްލުމަށް އިތުރު 80 މީހަކު ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން ޕޮޒިޓިވް ކޭސްއެއް ނެތްނަމަ އެމީހުން މާދަމާ ނުވަތަ އަނެއް ދުވަހު ދޫކޮށްލާނެ ކަމަށް ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ، މިހާތަނަށް ކޮވިޑް 19 އަށް ރާއްޖޭން 2612 މީހުން ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 2507 މީހުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު ނަތީޖާ ނުލިބި 86 ސާމްޕަލްއެއް އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ، ކަރަންޓީން ފެސިލިޓީސްތަކުގައި ޖުމްލަ 862 މީހުން އެބަތިބި ކަމަށާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 12 މީހެއް ކަމަށެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވްވީ 19 މީހެކެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންނެވެ. އެ ހަތަރު މީހުންނަކީ ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިއްބާ ބައްޔަށް ޕޮޒިޓިވްވި ހަތަރު މީހުންނެވެ. ރާއްޖޭން މިވަގުތު ފަރުވާ ދެމުންދަނީ ވެސް އެމީހުންނަށް އެކަންޏެވެ.

ޑރ. މުރާދު ވިދާޅުވީ، އެ ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި އިތުރު އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ.