ކޮވިޑް 19

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮސްތިބި ގިނަބަޔަކު ރާއްޖެއަށް، ސިއްހީ ހިދުމަތް އިތުރު ގޮންޖެހުމަކަށް!

އާސަންދައިގެ އެހީގައި ރާއްޖޭން ބޭރަށް ގޮސް ބޭސްފަރުވާކުރަން ތިބި ގިނަ ބަޔަކު މި ދުވަސްކޮޅު އަމިއްލައަށް އެދިގެން ރާއްޖެއަށް އަންނަމުންދާތީ، ރާއްޖޭގެ ސިއްހީ ނިޒާމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، މޯލްޑިވިއަނުން މިދިޔަ ދުވަސްތަކުގެ ތެރޭގައި ބޭރުގައުމުތަކުން ރާއްޖެއަށް ގެނައި މީހުންގެ ތެރޭގައި ބައެއް ގައުމުތަކަށް، ސީރިއަސް ބަލިތަކަށް ބޭސްފަރުވާކުރަން ގޮސް ތިބި މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އިންޑިއާ އަދި ސްރީލަންކާ ހިމެނެ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް، ވަން އަށް މައުލޫމާތު ދެއްވި ޑޮކްޓަރަކު ވިދާޅުވީ، ކޮވިޑުގެ މިހާލަތުގައި ރާއްޖޭގައި ގާއިމުކޮށްފައި އެވާ ވަސީލްތަތަކަކީ ކަރަންޓީނު ފެސިލިޓީތަކެއް ކަމަށާއި ދެން ތައްޔާރުކުރާ ތަންތަނަކީ ވެސް ވަކީން ހާއްސަކޮށް ކޮވިޑު ބަލީގެ މީހުންނަށް ފަރުވާދޭން ހާއްސަކޮށް ގާއިމުކުރާ ތަންތަން ކަމަށެވެ. ޑަބްލިޔުއެޗްއޯގެ މިންގަނޑާ އެއްގޮތަށް ދުނިޔޭގެ ގައުމުތަކުން އަމަލުކުރަމުން މި އަންނަ އުސޫލުގެ ދަށުން ރާއްޖެއަށް ވެސް އަންނަ އެންމެން ޖެހޭނީ ކަރަންޓީނުކުރަން ކަމަށް ވެފައި، އެކަމަކީ އެފަދަ ބައެއް ބަލި މީހުން ސިއްހީ ގޮތުން ނާޒުކު ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމެއް ކަމުގައި އެ ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ފުރަތަމަ މި ޖެހެނީ އަންނަ އެންމެންވެސް ކަރަންޓީނު ފެސިލިޓީތަކުގައި ބައިތިއްބަން. އެއްވެސް މީހަކު މި އޮންނަ މުއްދަތު ހަމަވުމުގެ ކުރީން ގެޔަކަށް ނުފޮނުވޭނެ. އާސަންދައިގެ އެހީގައި މި އަންނަ މީހުންގެ ތެރޭގައި އެކި ކަހަލަ ބަލިތަކަށް ފަރުވާކުރަން ގޮސް ތިބި މީހުން އެބަ ހިމެނޭ. މީ އެފަދަ ބޭފުޅުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް." ވަން އަށް މައުލޫމާތު ދެއްވި ޑޮކްޓަރު ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ އާސަންދައިގެ ދަށުން ރާއްޖޭން ބޭރަށް ގޮސް ބޭސްފަރުވާކުރަން ތިބެނީ އެބައްޔަށް ރާއްޖޭގައި ފަރުވާ ދެމެން ނެތުމުން ކަމަށާއި އެހެން ކަމުން މިހާލަތުގައި އެފަދަ މީހުން ފަރުވާ ހުއްޓާލާފައި ރާއްޖެ އައުން ރަނގަޅު ނޫން ކަމަށެވެ. އޭގެ ސަބަބުން ކިތަންމެ ހިތާމަވެރި ގޮތެއްވެސް މެދުވެރިވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އެފަދަ މީހުންގެ ތެރޭގައި ހިތުގެ ބަލި މީހުންނާއި ކިޑްނީގެ ބަލިމީހުން އަދި އެނޫންވެސް ސީރިއަސް ބަލިތަކަށް ފަރުވާ ހޯދާ މީހުން އެބަ ހިމެނޭ. އެމީހުން ގެނެސް ކަރަންޓީނުގައި ގެންގުޅޭ އިރު އަޅުގަނޑުމެން އަނެއްކާ އެބަ ޖެހޭ އެ މީހުންނަށް ވެދާނެ ގޮތަކާމެދު ވެސް ވިސްނަން. ކަރަންޓީނު ފެސިލިޓީއެއްގައި މުއްދަތު ފުރިހަމަކުރަން ހުންނަ ހިތުގެ ބަލި މީހަކު ނޫނީ ކިޑްނީގެ ބަލި މީހަކު ސީރިއަސް ހާލަތަށް ގޮސްފި ނަމަ އެމީހާއަށް ފަރުވާދެވޭނެ ގޮތް އެފަދަ ހުރިހާ ތަނެއްގައި ގާއިމެއް ނުކުރެވޭނެ. ދެން އެމީހުން ކަރަންޓީނު ފުރިހަމަނުކޮށް އައިޖީއެމްއެޗަށް ގެންދާނީތޯ؟ އޭރުން ވާނީ ކިހިނެއްތޯ؟ މިކަންކަން މީ ވިސްނާލަން ޖެހޭ ސީރިއަސް ކަންކަން." ފަހުން ވާހަކަދެއްކެވި ސިއްހީ ތަޖުރިބާކާރު ވިދާޅުވި އެވެ.

ކުރީން ވާހަކަދެއްކެވި ޑޮކްޓަރު ވިދާޅުވީ އާސަންދައިގެ ދަށުން ރާއްޖޭން ބޭރަށް ގޮސް ތިބޭނީ ރާއްޖޭން ފަރުވާ ނުކުރެވޭ ސީރިއަސް ބަލިތަކަށް ފަރުވާކުރާ މީހުން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެފަދަ މީހުން ފަރުވާގެ ބޭނުމަށް އެ ތިބި ގައުމެއްގައި މިދުވަސްކޮޅު ތިބުން ކަމަށެވެ. ވަކީން ހާއްސަކޮށް ކިޑްނީ، އަދި ހިތުގެ ބަލިތައް ފަދަ ހާއްސަ ބަލިތަކަށް ފަރުވާ ހޯދަން ތިބެފައި މިހާލަތުގައި ރާއްޖެ އައުމުން، ކަރަންޓީނުގައި އެފަދަ މީހުން ގެންގުޅުމަކީ އޭގެ ނަތީޖާ ދެރަގޮތަކަށް ނުކުމެދާނެ ކަމެއްކަމަށެވެ.

މިދިޔަ ދުވަސްތަކުގައި އަމިއްލައަށް އެދިގެން ރާއްޖެއަށް ގެނައި ދިވެހީންގެ ތެރޭގައި، އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާ އަދި ލަންކާއަށް ގޮސް ތިބި ގިނަ ބަޔަކު ހިމެނޭ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.