ކޮވިޑް 19 ވަބާ ކޮންޓްރޯލް ކުރުމަށް މުޅި އިންޑިއާގައި އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އިތުރު ކުރަން ނިންމައިފިއެވެ.
މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކުރަން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ އިންޑިއާއިން އެބަލި ފުރަތަމަ ފެނުނު ބޮޑެތި ސިޓީތަކުން ކުދި އަވަށްތަކަށް ބަލި ފެތުރެމުންދާ ކަމަށް ހެލްތު އޮފިޝަލުން ވިދާޅުވެފައިވާތީއެވެ.
އެ ލޮކްޑައުންގެ މުއްދަތު އަންނަ އަންގާރަ ދުވަހަށް ހަމަވާއިރު އިންޑިއާގެ ވެރިރަށް ނިއު ދެއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލޮކްޑައުންގެ މުއްދަތު އިތުރު ކުރައްވަން މޯދީ ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.
ދިއްލީގެ ޗީފް މިނިސްޓަރު އެކަން ހާމަކުރައްވާފައިވާއިރު ބޮޑުވަޒީރު މޯދީ މިއަދު ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސްޓޭޓް މިނިސްޓަރުންނާ ބައްދަލުކުރައްވައިފައެވެ. އަދި އޭގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ލޮކްޑައުންގެ މުއްދަތު އިތުރު ކުރަން ތާއީދު ކުރައްވައިފައެވެ.
އިންޑިއާގެ ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ނިންމާފައިވާއިރު އެކަމުގެ ސަބަބުން އިގްތިސާދަށާއި އެގައުމުގެ ފަގީރުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
އިންޑިއާއިން މިހާތަނަށް 7800 މީހުންނަށް ކޮވިޑް 19 ޖެހިފައިވާއިރު އެބަލީގައި އެގައުމުން 249 މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން ބުނެއެވެ. ނަމަވެސް އެ އަދަދު އިތުރުވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.