ކޮވިޑް 19 އަށް ފަރުވާ ކުރުމަށް މިހާރު ދުނިޔޭގައި ބޭނުން ކުރަމުން އަންނަ އެންޓި މެލޭރިއާ ބޭހެއް ކަމަށްވާ "ހައިޑްރޮސިކޮލްރޯކުއަނިން" (އެޗްސީކިޔު) ފޮނުވަން އިންޑިއާއިން ނިންމި 13 ގައުމު ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.
ރާއްޖޭގެ އިތުރުން މި ބޭސް ފޮނުވަން އިންޑިއާއިން ނިންމި ގައުމުތަކަކީ
އެމެރިކާ، ސްޕެއިން، ޖަރުމަން ވިލާތް، ބަހްރެއިން، ބްރެޒިލް، ނޭޕާލް، ބޫޓާން، އަފްގާނިސްތާން، ބަންގުލަދޭޝް، ސީޝަލްސް، މޮރިޝަސް އަދި ޑޮމިނިކަން ރިޕަބްލިކަށެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭގައި ބުނެފައިވާ ގޮތުން، ރާއްޖެއަށް ފޮނުވަން ނިންމާފައިވަނީ އެޗްސީކިޔުގެ ދެ ލައްކަ ޓެބްލެޓެވެ.
އިންޑިއާގެ އެކި ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެޗްސީކިޔު ބޭސް ފޮނުވަން ނިންމި 13 ގައުމު ކަނޑައާޅާފައިވަނީ އަވަށްޓެރި ގައުމުތަކަށް އިސްކަން ދީގެން ކަމަށެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އަދި ސެކެއްޓަރީ ދަމޫ ރަވީއާ ހަވާލާދީ ވީވަންނިއުސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެޗްސީކިޔުގެ ޑިމާންޑު މުޅި ދުނިޔޭގައި ވެސް ވަނީ ބޮޑުވެފައެވެ.