މޯލްޑިވިއަން

ޓްރިވެންޑްރަމްގައި ތިބި 205 ދިވެހިން މާލެ ގެނެސްފި

އިބްރާހިމް ޒަކީ

ކޮވިޑް19 އާ ގުޅިގެން އެކި ގައުމުތަކުގައި ރާއްޖެ ނާދެވިފައިތިބި ދިވެހިންގެ ތެރެއިން، ޓްރިވެންޑްރަމުން 205 މީހުން މިއަދު މާލެ ގެނަސްފި އެވެ.

މިއީ ކޮވިޑް 19 އާ ގުޅިގެން 21 ދުވަހަށް އިންޑިއާ ބަންދުކުރުމާ ގުޅިގެން ރާއްޖެ ނާދެވިފައިތިބި މީހުންގެ ތެރެއިން ބަޔެއެވެ.

އެމީހުން މާލެ ގެނަސްފައި މިވަނީ، އެ ގައުމުގައި ތިބި ދިވެހިންގެ އެކި އާއިލާތަކަށް 144 ކެއާ ޕެކޭޖް ކާގޯގެ ގޮތުގައި ފޮނުވި ތަކެތި ފޯރުކޮށްދިނުމަށްފަހުގައެވެ.

ކޮވިޑް 19 އާ ގުޅިގެން ލޮކްޑައުން ކޮށްފައި ވުމުގެ ސަބަބުން އެކި ގައުމުތަކުގައި ރާއްޖެ ނާދެވިފައިތިބި ދިވެހިން، ގެނައުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މީގެކުރިން، އިންޑިއާގެ ކޮޗިންގައި ތިބި 189 ދިވެއްސަކު ވެސް މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި ވަނީ ރާއްޖެ ގެެނެސްފައެވެ. ހަމައެއާއެކު ކޮޗިންގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖްވެސް ވަނީ ފޮނުވައިފައެވެ.

ކޮވިޑް 19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައިވާ އުސޫލުން އެމީހުން ވެސް ގެންދާނީ ކަރަންޓީން ފެސިލިޓީއަށެވެ.

މީގެ އިތުރުން ލަންކާއިން 100 ދިވެހިން ރާއްޖެ ގެނެސްފައިވާއިރު މެލޭޝިއާގައި ނާދެވި ތިބި 200 މީހުން ވެސް ވަނީ ގެނެސްފައެވެ.