މިއަހަރުގެ އޯލްވެލް އިމްތިހާން ފަސްކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި އެ އިމްތިހާން ފަސްވެއްޖެނަމަ، އެސްއެސްސީ އިމްތިހާން ބާއްވާ ތާރީހަށް ވެސް ބަދަލު ގެންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅިގެން ކެމްބްރިޖް ޔުނިވާސިޓީން ވަނީ މެއި އަދި ޖޫން މަހުގެ އިމްތިހާނުތަކާއި އެޑެކްސެލްގެ މެއި އަދި ޖޫން މަހުގެ އޭ ލެވެލް އިމްތިހާނު ފަސްކޮށްފައެވެ.
އޭގެ އިތުރުން ބަލި ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ސުކޫލްތައް ބަންދުކޮށްފައިވާތީ މިއަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި އޯލެވެލް ހަދާ ދަރިވަރުންނަށް ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ވަނީ ކެބްރިޖް ޔުނިވާސިޓީއާއެކު މަޝްވަރާތައް ފަށައިފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، އޯލެވެލް އިމްތިހާނު ބާއްވާ ތާރީހަށް ކެބްރިޖު ޔުނިވާސިޓީން ބަދަލު ގެނެސްފިނަމަ ސެކަންޑަރީ ސުކޫލް ސެޓްފިކެޓް (އެސްއެސްސީ) އަށް ބަދަލު ގެންނާނެ ކަމަށެވެ.
"އެކަމާ (އޯލެވެލް ހަދާ ތާރީހު ބަދަލުކުރަން) މަޝްވަރާތައް މިހާރު ކުރެވެމުން އެބަދޭ. އަދި އަޅުގަނޑުމެންނަށް ފޯމަލީ ވަކި އެއްޗެއް ނާންގައި. އެ އެގްޒޭމްސްތަކާ އެއްކޮށް އަޅުގަނޑުމެންގެ އިންޓާނަލް އެގްޒޭމްސް، އެސްއެސްސީ އެގްޒޭމްސް އަށް އަޅުގަނޑުމެން ބަދަލު ގެންނާނަން،" މިނިސްޓަރު ވިދާޅުވިއެވެ.