ކުއްލި ޚަބަރު

މާލޭ ސަރަހައްދަށް އިއުލާންކުރި ކާފިއު އުވާލައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ، އާއްމުސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، މާލޭ ސަރަހައްދަށް އިއުލާނުކޮށްފައިވާ ކާފިއު، މިއަދުން ފެށިގެން އުވާލައިފިއެވެ.

މިމަހު ދޭކުން ފެށިގެން މާލެ ހުޅުމާލެ ވިލިމާލެ ހިމެނޭގޮތަށް އިއުލާންކުރި ކާފިއު މިއަދުން ފެށިގެން އުވާލިކަން އަންގާފައިވަނީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައެވެ.

މިހާރު އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ގާނޫނީ ބާރުގެ ދަށުން، މާލޭ ސަރަހައްދުގައި، ހުޅުމާލެ، ވިލިމާލެ ހިމެނޭ ގޮތުން ކާފިއު އިއުލާނުކުރީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. ކާފިއުގެ ވަގުތަކީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 08:00 ގެ ނިޔަލަށެވެ.

މިއަދުން ފެށިގެން ކާފިއު އުވާލިކަން އަންގައި އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވަނީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭނގަޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމަތީގައި މީހުންއުޅުން ހުއްޓައިލުމާއި، ޕަބްލިކް ޓްރާސްޕޯޓް (ބަހާއި ފެރީ) ގެ ހިދުމަތްދިނުން ހުއްޓައިލުމަށް އެންގި އެންގުން ބާތިލް ކުރާ ކަމަށެވެ.

ކާފިއު އުވާލުމަށްފަހު، މާލެއާއި ވިލިމާލެ އާއި ހުޅުމާލޭގައި އެއްވެސް ވަގުތެއްގައި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމަތީގައި އެއްވެއުޅުން ހުއްްޓައިލުމަށްވެސް އެެޗްޕިއޭއިން ވަނީ އަންގައިފައެވެ.

އެޗްޕީއޭގެ އެންގުމުގައި ވަނީ، "މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމަށާއި، ގައިދުރުކަން އިތުރުކުރުމަށްޓަކައި ލޯކަލް މާރުކޭޓްތަކާއި ސުޕަމާކެޓްތަކާއި، ފިހާރަތަކާއި، އޮފީސްތަކާއި، ބޭންކުތަކާއި، އެހެނިހެން ގޮތްގޮތުން އާއްމު ހިދުމަތްދޭ ތަންތަނުގައި ގައިދުރުކަމުގެ ރަނގަޅު މިންގަނޑުތައް ހުންނާނެގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެއެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުންވެސް ގައިދުރުކަމުގެ ގޮތްތަކާއި އާދަތަކަށް އިސްކަންދިނުމަށާއި، އެގޮތަށް އަމަލުތައް ބެހެއްޓުމަށް ދަންނަވަން،" ކަމަަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން އަންގާފައިވާ އެ ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށްވެސް އެނގުމުގައި ބުނެފައިވެއެވެ.